ޑީއާރްޕީ

3000 މެންބަރުން ހަމަކުރިކަމުގެ ލިޔުން ޑީއާރްޕީއަށް

Jun 27, 2022

މެންބަރުންގެ އަދަދު ހަމަކުރުމަށް ޑީއާރްޕީއަށް ދިން މުއްދަތުގެ ތެރޭގައި 3000 މެންބަރުން ހަމަކުރުމާ ގުޅިގެން އެކަމުގެ ރަސްމީ ލިޔުން އިލެކްޝަންސް ކޮމިޝަނުން މިއަދު އެ ޕާޓީއަށް ފޮނުވައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުން ކޮންމެ ޕާޓީއެއްގައިވެސް މަދުވެގެން 3،000 މެންބަރުން ހަމަވާން ޖެހެއެވެ. ނަމަވެސް އެ އަދަދަށް މެންބަރުން ހަމަނުވާތީ ހަތަރު ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން ނޯޓިސް ދިނެވެ. އެއީ ރާއްޖޭގައި ދެވަނައަށް އުފެއްދި ޕާޓީ -- ޑީއާރްޕީ އާއި ސަރުކާރު ހިންގާ ކޯލިޝަންގައި އޮތް ރައީސް މައުމޫންގެ އެމްއާރްއެމް އާއި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ އެމްޓީޑީގެ އިތުރުން މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) އެވެ.

އިލެކްޝަންސް ކޮމިޝަނުން ނޯޓިސް ދިންއިރު ޑީއާރްޕީގެ ރަޖިސްޓްރީގައި އޮތީ 2269 މީހުންނެވެ. އެމްއާރްއެމްގެ ރަޖިސްޓްރީގައި އޮތީ 2280 މީހުންނެވެ. އަދި އެމްޓީޑީގެ ރަޖިސްޓްރީގައި 2457 މީހުން ތިބިއިރު އެމްއެލްއެސްގެ ރަޖިސްޓްރީގައި އޮތީ 2691 މެމްބަރުންނެވެ. ކޮމިޝަނުން ދިން މުއްދަތުގައި ހުރިހާ ޕާޓީތަކުންވެސް ވަނީ 3،000 ހަމަ ކުރުމަށް ފޯމް ހުށަހަޅާފަ އެވެ.

ތިންހާސް މެންބަރު ހަމަކުރުމަށް ދިން މުއްދަތުގެ ތެރޭގައި އެ އަދަދަށް މެންބަރުން ހަމަކުރުމާ ގުޅިގެން އެކަމުގެ ރަސްމީ ލިޔުން މީގެކުރިން ވަނީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އާއި އެމްއާރްއެމްއަށްވެސް ދީފަ އެވެ. އެމްއެލްއެސްޑީ އަށް އެ ލިޔުން ދިން ކަން އަދި އެނގިފައެއް ނުވެ އެވެ.

ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައި ބުނާ 10،000 މެންބަރުން ތިބުމުން މިއަހަރު ދައުލަތުގެ ބަޖެޓުން ހަތަރު ޕާޓީ އަކަށް ފައިސާ ވެސް ދީފައިވެ އެވެ. އެއީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އިދިކޮޅު ޕީޕީއެމް އެވެ.