ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑީއާރްޕީން ވާދަކުރަން ނިންމާ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރަށް ރިޔާސީ ޓިކެޓް ދިނުމަށް އެ ޕާޓީން ނިންމައިފި އެވެ.
ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ޖާބިރު ހަމަޖެއްސުމަށް އެ ޕާޓީގެ ކައުންސިލުން ނިންމާފައިވަނީ ކައުންސިލް މެންބަރުންގެ އިއްތިފާގުންނެވެ.
ޖާބިރަށް ރިޔާސީ ޓިކެޓް ދިނުމަށް ޑީއާރްޕީން ނިންމާފައި މިވަނީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އެތައް ފަހަރަކު އެތައް ތަނެއްގައި ވިދާޅުވެފައި ވަނިކޮށެވެ.
ޖާބިރު ގެންދަވަނީ ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުުކުރައްވާ އޭނާގެ ވެރިކަމެއްގައި ކުރައްވާނެ ކަންކަން ރައްޔިތުންނަށް ވިދާޅުވެ ދެއްވާ، ޑީއާރްޕީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތްތަކެއް ވެސް ކުރައްވަމުންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މިވަގުތު މަސައްކަތް ކުރައްވާ ބޭފުޅުންނަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.
މީގެއިތުރުން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް އެ ދެ ޕާޓީގެ ގުޅިފައިވާ ސެނެޓުން ނިންމުމާ ގުޅިގެން އެ ނިންމުން ރައީސް ޔާމީން ގަބޫލުކުރައްވާފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފޯރި ގަދަވަމުންދާއިރު މޯލްޑިވްސް ނެޝަނަލް ޕާޓީއާއި ޖުމްހޫރީ ޕާޓީން ވެސް ވަނީ އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ. ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު އޮތްގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ އެ ޕާޓީގެ ލީޑަރެވެ. މިވަގުތު އެ މަގާމުގައި ހުންނެވީ މާމިގިލި ދާއިރާގެ މަޖިލިސް މެންބަރު އަދި ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް އެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިހާތަނަށް ވިދާޅުވެފައިވަނީ އެޕާޓީގެ ރައީސް މުހައްމަދު ނާޒިމު އެކަންޏެވެ.
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަހްމަދު ސިޔާމު މުހައްމަދު ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަަމަށް އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް ސިޔާމު ރަސްމީކޮށް އެކަން އިއުލާންކުރައްވާފައެއް ނުވެ އެވެ.