ހަބަރު

ޕޯން ސައިޓްތައް ރާއްޖޭގައި މަނާކުރަނީ

ޕޯން ވެބްސައިޓްތައް ރާއްޖޭގައި ބްލޮކް ކުރުމަށް، އިންޓަނެޓްގެ ހިދުމަތް ދޭ ފަރާތްތަކަށް އެންގުމާ މެދު ވިސްނަމުން އަންނަ ކަމަށް ޕްރޮސިކިއުޓާ ޖެެނެރަލް މުހްތާޒް މުހްސިން ވިދާޅުވެއްޖެ އެވެ.

ޕީޖީ "އަވަސް" އަށް ވިދާޅުވީ ޕޯން ބަރަހަނާ ސައިޓްތައް އިސްލާމީ ވަރަށް ގިނަ ގައުމުތަކުގައި ބްލޮކް ކޮށްފައިވާ ކަމަށާއި ރާއްޖޭގައި ވެސް އެގޮތަށް އަމަލުކުރަން ފެށުމާ މެދު ވިސްނަމުން އަންނަ ކަމަށެވެ.

"އެއީ އިސްލާމީ ވަރަށް ގިނަ ގައުމުތަކުގައި ވެސް އޮންނަ ގޮތް. ރާއްޖޭގައި ވެސް އެގޮތަށް އަމަލު ކުރުމާ މެދު މި ދަނީ ވިސްނަމުން،" އިތުރު ތަފްސީލެއް ދެއްވުމެއް ނެތި، ޕީޖީ ވިދާޅުވި އެވެ.

ޕޯން ވެބްސައިޓްތަކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މޯބައިލް ޑިވައިސްތަކުން ޕޯން ބަލާ މިންވަރު މިހާރު ދަނީ ވަރަށް ހަލުވިކަމާ އެކު އިތުރުވަމުންނެވެ. އަދި މުޅި ދުނިޔޭގައި ވެސް ބަރަހަނާ ސައިޓްތަކަށް ވަންނަ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ އާއި ފޮޓޯއަކީ ގެންގުޅުމާއި ވިއްކުމާއި އެތެރެކުރުން މިހާރު ވެސް މަނާ ތަކެއްޗެވެ. އަދި އެފަދަ ވީޑިއޯ އާއި ފޮޓޯ ގެންގުޅުނު މައްސަލަތަކުގައި ބައެއް މީހުން ޖަލަށްލުމަށް ކޯޓުތަކުން ކުރިން ވެސް ހުކުމްކޮށްފައިވެ އެވެ.