ހައިކޯޓް

ހައިކޯޓަށް ހުޒައިފާ އައްޔަން ކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ފެމެލީ ކޯޓުގެ އިސް ގާޒީ ހ. ސޭންޑީ ބީޗް، ހުޒައިފާ މުހައްމަދު އައްޔަން ކުރައްވައިފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ގާޒީ ހުޒައިފާ އެ މަގާމަށް އައްޔަނުކުރަން ނިންމީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަނޑިޔާރުން އައްޔަނު ކުރާ ކޮމިޓީން "ހައިލީ ރިކޮމެންޑެޑް" ބޭފުޅާ ކަމަށް އެ ކޮމިޝަނަށް ލަފާދީފައިވާތީ ކަމަށެވެ. އަދި އެ ނިންމުމާއި އެއްގޮތަށް ހައިކޯޓްގެ ފަނޑިޔާރު ކަމަށް ހުޒައިފާ އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ހުޒައިފާ، މަގާމުގެ ހުވާ ކުރެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުދާނުގެ ކުރިފުޅުމަތީގައެވެ.

ހުޒައިފާ އަކީ ފަނޑިޔާރު ކަމުގައި 14 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ފެމެލީ ކޯޓުގެ އިސް ގާޒީ ކަމަށް ހުޒައިފާ އައްޔަނުކޮށްފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.

ހުޒައިފާ އަކީ ސުޕީރިއާ ކޯޓުތަކުގެ ތެރެއިން ކޯޓެއްގެ އިސް ގާޒީ ކަމުގެ މަގާމަށް އައްޔަންކުރެވުނު ފުރަތަމަ އަންހެން ބޭފުޅާ އެވެ.

ހުޒައިފާ އަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓާސް އޮފް ކޯޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާން ކުރީ އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އަލީ ސަމީރު މިދިޔަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ހުޒައިފާގެ އިތުރުން ކުރިމަތިލެއްވީ އއ. ފެރިދޫ، ސިޔާމާމަންޒިލް، ޝުކުރުﷲ ޝަކީލް އެވެ.

ހައިކޯޓުގެ އިތުރު ދެ ފަނޑިޔާރެއްގެ މަގާމު ވެސް ހުސްވެފައިވާތީ އެ ދެ މަގާމަށް ވެސް ބޭފުޅުން ހޯދަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.