ޖޭއެސްސީ

ހައިކޯޓުގެ ފަނޑިޔާރުކަމަށް މާލޭ ކޯޓުތަކުގެ ގާޒީން

Jun 28, 2022

ހައިކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް މާލޭގެ ސުޕީރިއާ ކޯޓުތަކުގެ ގާޒީންތަކެއް ކުރިމަތިލައްވައިފި އެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ކުރިން އެ މަގާމުތަކުގައި ތިއްބެވި އަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވުމުންނާއި އަބްދުﷲ ހަމީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާ ގުޅިގެންނެވެ.

ހުސްވެފައިވާ މި ދެ މާގަމަށް ފަސް ބޭފުޅަކު ކުރިމަތިލައްވާފައިވެ އެވެ. މީގެތެރޭގައި ހަތަރު އަންހެން ބޭފުޅުންނާ ފިރިހެން ބޭފުޅަކު ހިމެނެ އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުން

  • ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު
  • ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރު
  • ސިވިލް ކޯޓުގެ ގާޒީ އަޒުފާ އަބްދުލްޣަފޫރު
  • ކްރިމިނަލް ކޯޓުގެ ގާޒީ ދީބާނާޒް ފަހުމީ
  • މަރިޔަމް ނިހާޔަތު (ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް)

ހައިކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި އަލީ ސަމީރު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ރޭގައި ވަނީ އެ މަގާމަށް ފެމިލީ ކޯޓުގެ ކުރީގެ އިސް ގާޒީ ހުޒައިފާ މުހައްމަދު އައްޔަންކޮށްފަ އެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 36،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އެލަވަންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ.