މިމަހުގެ 21 ވަނަ ދުވަހު ހެނދުނު ރަސްމީ ދަނޑުގައި ކުރިޔަށްގެންދިޔަ ހަރަކާތަށް ހުރަސްއަޅައި އެ ހަރަކާތުގައި ބައިވެރިންނާ ދެކޮޅަށް އެތަނަށް ބަޔަކު ވަދެ ހިންގި ކަންކަމާ ގުޅޭ ފަހުގެ މައުލޫމާތު ވަޒީރުންގެ މަޖިލީހާއި މިއަދު ހިއްސާކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިމަހުގެ 21 ވަނަ ދުވަހު ހެނދުނު ރަސްމީ ދަނޑުގައި ކުރިޔަށްގެންދިޔަ ހަރަކާތަށް ހުރަސްއަޅައި އެ ހަރަކާތުގައި ބައިވެރިންނާ ދެކޮޅަށް އެތަނަށް ބަޔަކު ވަދެ ހިންގި ކަންކަމާ ގުޅޭ ފަހުގެ މައުލޫމާތު ވަޒީރުންގެ މަޖިލީހާއި ހިއްސާ ކޮށްފައިވާ ކަމަށެވެ. އެގޮތުން މި ކަންތައްތައް ހިނގާދި ޔަގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގެ ކުޑަ ކޮމެޓީގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ބެހޭ ގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މައުލޫމާތު ދެއްވި ކަމަށެވެ.
ސަބްކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވަޒީރުން
- އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު
- އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
- ޖެންޑާ މިނިސްޓަރު އައިޝަތު މުޙައްމަދު ދީދީ
- އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު
- ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން
- ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް
- ޔޫތު މިނިސްޓަރު އަހްމަދު މަޚްލޫފް
ގަލޮޅު ދަނޑަށް ވަދެ ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގައި ފުލުހުން މިހާތަނަށް ވަނީ 21 މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ދެ އިލްމުވެރިއަކުވެސް ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން ހޯދަން ބޭނުންވާ މީހުން އަދިވެސް އެބަ ތިބި ކަމަށް ފުލުހުން ބުނެއެވެ.