ހަބަރު

ބިދޭސީ ސޭޓުންގެ ޖޫރިމަނާ މިލިއަން ރުފިޔާއަށް ވުރެ މައްޗަށް

ސޭޓުން ގޮތުގައި ބިދޭސީ އިން ބަހައްޓައިގެން ޖޫރިމަނާ ކުރި އަދަދު މިލިއަނަކަށް ވުރެއް އިތުރު ވެއްޖެ ކަމަށް އިމިގްރޭޝަން އިން ބުނެފި އެވެ.

މިދިޔަ އޭޕްރިލް މަހުން ފެށިގެން ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރަންޓްތަކުގައި ސޭޓުންނަށް ބިދޭސީންނަށް ނުތިބެވޭ ގޮތަށް ސަރުކާރުން ނިންމުމުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އިން ވަނީ އެ ގަވައިދަށް އަމަލު ނުކުރާ ފަރާތްތަށް ހޯދަން އޮޕަރޭޝަންއެއް ފަށައި އަދި އެފަރާތްތަކަށް ޖޫރިމަނާ ކުރަން ފަށައިފަ އެވެ.

އެގޮތުން މިއަދު އެކަނިވެސް އިމިގްރޭޝަން އިން ކުރިޔަށް މިގެންދާ އޮޕަރޭޝަންގައި މާލެއާއި އަތޮޅުތަކު ތެރެއިން ވަނީ 88 ތަނެއް ބަލާފަ އެވެ. އޭގެތެރެއިން މާލެއިން 60 ތަނެއް ބަލާފައިވާ އިރު ޖޫރިމަނާކޮށްފައި ވަނީ 24 ތަނެކެވެ. އަދި ހދ. ކުޅުދުއްފުށިން 11 ތަނެއް ބަލައި ހަތް ތަނެއް ޖޫރިމަނާކޮށްފައިވާ އިރު އައްޑޫ ސިޓީ މަރަދޫ ފޭދޫ އަދި ފޭދޫ އިން 17 ތަނެއް ބަލައި 10 ތަނަކުން ޖޫރިމަނާ ކޮށްފައިވާ ކަމަށް އިމިގްރޭޝަން އިން ބުނެ އެވެ.

މި އޮޕަރޭޝަންގެ ތެރެއިން ޖޫރިމަނާކޮށްފައި ވަނީ 24 ފިހާރައަކުންނާއި 16 ކެފޭ ނުވަތަ ރެސްޓޯރަންޓުން އަދި ގެސްޓް ހައުސް އަކުންނެވެ.

ދިވެހިންނަށް ވަޒީފާގެ ފުރުސަތު އިތުރުކުރުމަށް ސަރުކާރުން ހެދި މި ގަވައިދުގައިވާ ގޮތުގެ މަތިން ބިދޭސީ ސޭޓުން ބައިތިއްބާނަމަ 10،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެގޮތުން އިއްޔެއާ ހަމަޔަށް ވެސް ޓްރޭޑުން ވަނީ 67 ވިޔަފާރިއެއް ޖޫރިމަނާކޮށްފަ އެވެ. އެހެން ކަމުން މުޅިޔަކު ޖޫރިމަނާކޮށްގެން ދައުލަތަށް ލިބޭ ފައިސާގެ އަދަދު 1.1 މިލިއަން ރުފިޔާއަށް އަރަ އެވެ.