ހަބަރު

އެއާޕޯޓް އިމިގްރޭޝަން އީގޭޓް އަށް ބަދަލު ކުރަން ފަށައިފި

އެއާޕޯޓްގެ އިމިގްރޭޝަންގައި އަމިއްލަ އަށް ޕާސްޕޯޓް ޖެކް ކުރެވޭ ކައުންޓަރުތަކެއް ނޫނީ، "އީ ގޭޓް" އެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފި އެވެ.

މިމަހުގެ ތެރޭގައި އީ ގޭޓްގެ ހިދުމަތް ދޭން ފަށާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

އިމިގްރޭޝަންގެ އޮފިޝަލް ވިދާޅުވީ، އެންމެ ފުރަތަމަ އެ ހިދުމަތް ދޭނީ ދިވެހިންނަށް ކަމަށެވެ. އަދި އެއާޕޯޓުގައި އީ ގޭޓުގެ ހިދުމަތް ތާރަފް ކުރުމުން ރާއްޖެއަށް އައުމާ ފުރުމުގައި އިމިގްރޭޝަން އޮފިސަރުން ޕާސްޕޯޓް ޗެކުކުރުމުގެ ބަދަލުގައި ޖެހޭނީ ފަސޭހަ ކަމާއި އެކު ސެލްފް ޗެކިން ހަދަން ކަމަށް އިމިގްރޭޝަން އިން ބުންޏެވެ. 

ސެފް ޗެކިން ކުރާ އިރު ޕާސްޕޯޓުގައި ތަތްގަނޑު ޖެހުމުގެ ބަދަލުގައި ޕާސްޕޯޓް އަމިއްލައަށް ސްކޭންކޮށް، ފިންގާ ޕްރިންޓް ޖަހައި އެ ސިސްޓަމްގައި ހުންނަ ކެމެރާއާ ދިމާލަށް ޖެހޭނީ ބަލައިލަން ކަމަށް ވެސް އިމިގްރޭޝަން އިން ބުނެ އެވެ.

މި ހިދުމަތާ އެކު އެއާޕޯޓްގައި ހިދުމަތް ދިނުމަށް ބޭނުންކުރަންޖެހޭ މުވައްޒަފުންގެ އަދަދު މަދުވެ ފުރާ މީހުންނާއި އަންނަ މީހުންނަށް ފަސޭހަތަކެއް ވާނެ ކަމަށް އިމިގްރޭޝަން އިން ވަނީ ބުނެފަ އެވެ.