މޯލްޑިވްސް ޕޮލިސް ސާވިސް

ތަހުގީގުގައި ބޭރުގެ ބައިވެރިވުމެއް ނެތް: ޕޮލިސް

ބްލެކްމެއިލް ކުރުމާއި ލީކުވި ވީޑިއޯ މައްސަލަތަކުގެ ތަހުގީގުގައި ބޭރުގެ އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް ނެތް ކަމަަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

އެ ހިދުމަތުން މިހެން ބުނެފައިވަނީ އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުކުރާ މައްސަލައިގެ ތަހުގީގަށް އެކަން ކުރަމުންދާ ބަޔަކު ހޯދަން އިންޑިއާގެ އިންޓެލިޖެންސް ޓީމެއް ރާއްޖެ އައިސްފައިވާ ކަމަަަށް ބައެއް ނޫސްތަކުން ރިޕޯޓް ކުރުމުންނެވެ.

އެކަން ސާފުކޮށް ދިނުމުގެ ގޮތުން ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ބްލެކްމެއިލް ކުރުމާއި ލީކުވި ވީޑިއޯ މައްސަލަތަކުގެ ތަހުގީގުގައި ބޭރުގެ އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި މި މައްސަލަތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވާން ފެށުމުން މިދިޔަ ހުކުރު ދުވަހު ފުލުހުން ވަނީ ބްލެކްމެއިލް ކުރުމުގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް ބުނެފައެވެ. ފުރަތަމަ އާންމުވީ ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރުގެ ވީޑިއޯ އެެކެވެ. އެ މައްސަލަ ބަލަމުންދާއިރު އޭނާ ފުރުން މަނާކޮށް ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. އެ ވީޑިއޯ އާންމުވުމުން ނާޒިމް ވަނީ އެ ވީޑިއޯ އިން ފެންނަނީ އޭނާ ނޫން ކަމަށް ބުނެ އެ ރިޕޯޓްތަކާއި ގުޅިގެން ދައުވާ ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް ފުލުހުން ގެންދަނީ އެ މައްސަލާގައި އޭނާއާ ސުވާލު ކުރަމުންނެވެ.

ފަހުން އާންމުވީ ކާނަލް މުހައްމަދު ނަޝީދުގެ ތިން ފޮޓޯއެކެވެ. އެ ފޮޓޯގައި ފެންނަނީ ކުރީން އާންމުވި ވީޑިއޯގައި ފެންނަ ކޮޓަރިއަށް ނަޝީދު ވަންނަވަނިކޮށެވެ. އެކަމާއި ގުޅިގެން ނަޝީދު ވަނީ އޭނާ އެ ކޮޓަރިއަށް ވެންނެވި ކަމަށާ ނަމަވެސް ބަރަހަނާ ވެފައި ނުވާނެ ކަމަށް ބުނެފައެއެވެ. އެ ފޮޓޯތައް ބޭނުން ކޮށްގެން އޭނާ ބްލެކްމެއިލް ކުރަން ބަޔަކު މަސައްކަތް ކުރި ކަމަށްވެސް ވިދާޅުވިއެވެ.