ކޯޒްވޭ އަކުން ގުޅާލާފައިވާ ގދ. ހޯނޑެއްދޫއާއި ގދ. މަޑަވެއްޔަށް ކަރަންޓް ދިނުމަށް އަޅަން ނިންމާފައިވާ މައި އިންޖީނުގޭގެ ބިންގާ ހޯޑެއްދޫގައި އަޅައިފި އެވެ.
އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދާއި ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް އެވެ.
އާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހޯޑެއްދޫއާއި މަޑަވެލި ކައުންސިލްގެ ރައީސުންނަށް ފެނަކަ ކޯޕަރޭޝަނުން ދައުވަތު ދިން ނަމަވެސް މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒު ހަސަން މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
އަވަސް އިން ސުވާލުކުރުމުން ފިޔާޒު ވިދާޅުވީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުށް ހޯޑެއްދޫ އަށް ވަޑައިގަތުމަށްފަހު ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގެންނެވީ އެ ރަސްމިއްޔާތަކީ ފެނަކައިގެ ރަސްމިއްޔާތެއް ކަމަށް ގަބޫލުނުކުރައްވާތީ ކަމަށެވެ.
"އަޅުގަނޑު އެތަނަށް ދިޔައިރު ބަހައްޓާފައި ހުރީ އެމްޑީޕީގެ ދިދަ ޖެހި އެމްޑީޕީގެ ޕޯޑިއަމް. އެހެންވެ އެއީ ފެނަކައިގެ ޖަލްސާއެއްގައި ޕޯޑިއަމް ހުންނަވާނެ ގޮތެއް ނޫން. އެހެންވެ އަޅުގަނޑު އެ ރަސްމިއްޔާތު ބޮއިކޮޓް ކުރީ،" ފިޔާޒު ވިދާޅުވި އެވެ.
ހޯޑެއްދޫއާއި މަޑަވެއްޔަށް މިހާރު ކަރަންޓް ދެނީ ކޮންމެ ރަށެއްގައި ހުރި ވަކި އިންޖީނުގެތަކަކުންނެވެ. އެގޮތުން ކޮންމެ ރަށެއްގައި ވެސް މިވަގުތު ތިން ޖަނަރޭޓަރު ބޭނުންކުރެ އެވެ.
ހޯނޑެއްދޫ އާއި މަޑަވެއްޔަށް ކަރަންޓް ދިނުމަށް އަޅާ އާ އިންޖީނުގޭގެ މަސައްކަތް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިއަށް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ހޯޑެއްދޫ ބައެއް ކައުންސިލަރުން މައުލޫމާތު ދެއްވާފައިވެ އެވެ. މިމަޝްރޫއުގެ ދަށުން އާ އިންޖީނުގެއެއް އެޅި، ކަރަންޓް ނެޓްވޯކް ވެސް އަޕްގްރޭޑް ކުރުމަށް ފެނަކަ އިން ވަނީ ނިންމާފަ އެވެ.