ރަށްރަށުގައި އެކި ބޭނުންތަކަށް ހިއްކާފައިވާ ބިންތަކުގައި އެއްވެސް މަސައްކަތެއް ނުކޮށް އެތައް އަހަރެއްވީ ބިންތައް ހުރުމުން ބޭކާރު ގޮތުގައި ބިން ހިއްކުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
އީޕީއޭގެ ފަރާތުން އެތަނުގެ ޑިރެކްޓަރު އިބްރާހީމް ނައީމު މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ރަށްތަކުގެ ބިން ހިއްކުމުގެ މަޝްރޫއާ ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގެ ތިމާވެށީގެ ކަންކަމާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން މިއަދު ކޮމިޓީއަށް ހާޒިރުކުރުމުން ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.
ނައީމް ވިދާޅުވީ ފާއިތުވި 20 އަކަށް އަހަރުގެ ތެރޭގައި 50 އަށް ވުރެ ގިނަ ބިން ރާއްޖޭގެ އެކި ހިސާބުތަކުން ހިއްކާފައިވާ ކަމަށެވެ. ނަމަވެސް ބޭނުންތެރި ގޮތަކަށް އެ ބިންތަކުގެ ބޭނުން ކުރެވިފައި ނެތް ކަމަށެވެ.
"20 އަހަރު ކުރިން ހިއްކާފައި ހުރި ބައެއް ބިންތަކުގައި ވިނަފަޅާފައި އޮންނަތަން އެބަފެނޭ އެއްވެސް ކަމަކަށް ދޫކޮށްފައި ނުވާތީ،" ނައީމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިން ހިއްކުމަށް އީޕީއޭގެ ހުއްދަ ހޯދާއިރު އެ ބިމެއް ހިއްކައިގެން ނޫނީ ތަރައްގީކގެ މަސައްކަތްތައް ކުރިއަށް ގެންދެވެން ނެތް ކަމަށް ބުނެ ލިޔުންތައް ހުށަހަޅާ ކަމަށެވެ. އެކަމަކު ހުއްދައިގެ ދަށުން ބިން ހިއްކުމަށްފަހު އެ ބިމުގައި އެއްވެސް މަސައްކަތް ނުފެށި ގިނަ ދުވަސްވާތީ ކޮންމެހެން ހިއްކަންޖެހިގެން ނޫނީ ބިން ހިއްކުން ހުއްޓާލަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ބައެއް ޖަމިއްޔާތައް ވެސް ހާޒިރުވެ ތިބި ކޮމިޓީގެ ބައްދަލުވުމުގައި ނައީމު ވިދާޅުވީ އީޕީއޭގެ ހޯދުންތަކަށް ބަލާއިރު ރާއްޖޭގައި ތިމާވެށްޓަށް އެންމެ ބޮޑަށް ގެއްލުން ލިބެނީ ފަޅުފުންކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުތަކުންނެވެ.
ރާއްޖޭގައި ތިމާވެށީގެ މައްސަލަތަކުގައި އީޕީއޭގެ ހުއްދަ ނެތި ކުރާ މަސައްކަތްތަކުގައި ފިޔަވަޅު އަޅައި ޖޫރިމަނާކުރެ އެވެ. ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ބައެއް ޖަމިއްޔާތަކުން ބުނާ ގޮތުގައި ރާއްޖޭގެ ސަރުކާރުތަކުން ތަރައްގީގެ ނަމުގައި ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ.