އައިޖީއެމްއެޗް

ނަފްސާނީ ބަލި މީހުން އެޑްމިޓްކުރަން ހެދި ވޯޑް ހުޅުވައިފި

Jun 29, 2022

ނަފްސާނީ ބަލި މީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ހާއްސަ ވޯޑެއް އައިޖީއެމްއެޗްގައި ހުޅުވައިފި އެވެ.

އައިޖީއެމްއެޗްގައި 2019 ވަނަ އަހަރު ވަނީ ސެންޓާ ފޯ މެންޓަލް ހެލްތުގެ ނަމުގައި ނަފްސާނީ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކްލިނިކެއް ހަދާފަ އެވެ.

އައިޖީއެމްއެޗް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގެ ސެންޓާ ފޯ މެންޓަލް ހެލްތަށް ދައްކާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާދޭ މީހުންނަށް ހާއްސަކޮށްގެން ނުވަ އެނދު ގާއިމުކޮށްފައިވާ ކަމަށެވެ.

އެނދުތައް ގާއިމުކޮށްފައިވާ ވޯޑުގައި ޑީއެސްކެލޭޝަން ކޮޓަރިއަކާއި ބޭރަށް ނިކުމެވޭ ގޮތަށް ހަދާފައިވާ ޓެރަސް އެއް ހިމެނެ އެވެ. މީގެ އިތުރުން ބަލިމީހުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވުމުގެ ގޮތުން ކަސްރަތުކުރާ މެޝިންތަކެއްވެސް ވޯޑުގައި ބަހައްޓާފައިވެ އެވެ.

ނަފްސާނީ ބަލި މީހުންގެ ގޮތުގައި ފަރުވާ ހޯދުމަށް އެތައް ބަޔަކު ކިޔުގައި ޖެހިފައިވާއިރު ކިޔު ކުޑަކުރުމަށްޓަކައި އެހެން ބަޔަކާ ގުޅިގެން ފަރުވާ ދިނުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވެސް އައިޖީއެމްއެޗް އިން މިހާރު ދަނީ ކުރަމުންނެވެ.

"އަޅުގަނޑުމެން އެއްބަސްވުމަކަށް ދާނީ މޯސްޓް ލައިކްލީ ހަމަ ބޭރުގެ ޕާޓީއަކާ އެކުއޭ،" އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ގައުމީ ހެލްތު އިންޝުއަރެންސް ސްކީމް -- އާސަންދައިގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސި ފަހުން ފާއިތުވި ދެ އަހަރުގެ ތެރޭގައި އާސަންދަ ސްކީމުގެ ތެރެއިން 81،864 މީހުންނަށް ފަރުވާ ދީފައިވާ ކަމަށް މިމަހުގެ ދެވަނަ ހަފްތާގެ ތެރޭގައި އާސަންދަ ކުންފުނިން ވެސް ބުނެފައިވެ އެވެ.

ނަފްސާނީ ބަލީގައި ޑޮކްޓަރަށް ދެއްކުމަށް ގިނަ ބަޔަކު ކިޔުގައި ޖެހިފައިވަނީ ކޮވިޑް 19އާ ގުޅިގެން އެތައް ބަޔަކު ގޭގައި މަޑުކުރަންޖެހުމުންނާއި ބަލިމަޑުކަމާ ގުޅިގެން ދިމާވި އެހެންވެސް ބައެއް މައްސަލަތަކާ ގުޅިގެން ކަމަށް ސިއްހީ ދާއިރާގެ ތަޖުރިކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.