ބްރިޖް ލިޓްލް ލާނާސް ޕްރީސްކޫލްގެ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ޝަރަފްވެރިކޮށްދެއްވައިފި އެވެ.
ސްޓެލްކޯގެ ސެމިނާ ރޫމުގައި މިއަދު ހަވީރު އޮތް މިރަސްމިއްޔާތުގައި ދަސްވެނިވި 27 ދަރިވަރުންނަށް އެވޯޑާއި ސްކްރޯލް ހަވާލުކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.
މިރަސްމިއްޔާތުގައި ދަރިވަރުންނާއި ބެލެނިވެރިންނާއި މުޚާތަބު ކުރައްވައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި ކުދިންނާއި ބެލެނިވެރިންވެސް ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، ޗުއްޓީގެ އުފާވެރިކަމާއި ތަޖުރިބާތައް ކުދިންނަށް ހޯދައިދިނުމަށް އެދިވަޑައިގެންނެވި އެވެ.
ޕްރީސްކޫލް ނިންމާ ދަރިވަރުން ޕްރައިމަރީ މަރުހަލާ ފަށަން ތައްޔާރުވާއިރު ޗުއްޓީ ތެރޭގައި ކުދިންނަށް ގްރޭޑް ފޮތްތައް ބެލެނިވެރިން ކިޔަވައިދޭކަން އެކަމަނާ ފާހަގަކުރެއްވި އެވެ. އެގޮތަށް އަމަލުކުރުމުން ސްކޫލަށް ކުދިންގޮސް ހަމަ އެފިލާވަޅުތައް ހަދަންޖެހުމުން ފޫހިވާ ގޮތް މެދުވެރިވާ ކަމަށާއި އެހެންކަމުން ސްކޫލު ޗުއްޓީގައި ކުދިންނަށް އަމިއްލައަށް ކަންކަން ކުރަން ދަސްކޮށްދިނުމުގެ މުހިއްމުކަން އެކަމަނާ ފާހަގަކުރެއްވި އެވެ. މިގޮތުން ކުދިން އަމިއްލައަށް ފާޚާނާއަށް ގޮސް ތާހިރުވާން ދަސްކޮށްދިނުން ފަދަ ކުއްޖާއަށް އެކަނި ކުރެވޭނެ ކަންކަން ޗުއްޓީ ތެރޭގައި ދަސްކޮށްދިނުމަށް ބާރުއެޅުއްވި އެވެ.
އެކަމަނާގެ ވާހަކަފުޅުގައި ޕްރީ ސްކޫލުތަކަށް މުޖުތަމައާއި އަމިއްލަ ފަރުދުން އަދި ސަރުކާރުގެ ކުންފުނިތަކުން ވެދޭ އެހީތެރިކަން ފާހަގަކުރެއްވި އެވެ. އަދި މިރަސްމިއްޔާތުގައި ގުރެޖުއޭޓްވި ދަރިވަރުންނަށް މެޑަމް ފަޒްނާ ވަނީ ވާހަކައެއްވެސް ވިދާޅުވެދެއްވާފަ އެވެ.
މިރަސްމިއްޔާތުގައި ބްރިޖް ލިޓްލް ލާނާސް ޕްރީ ސްކޫލުން ދަސްވެނިވި ހުރިހާ ދަރިވަރުންގެ ނަން ހިމެނޭ ކުރެހުމެއް ސްކޫލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދަށް ހަދިޔާކުރެއްވި އެވެ.
ބްރިޖް ލިޓްލް ލާނާސް ޕްރީ ސްކޫލަކީ 233 ކުދިންނާއި އެކު 2012 ވަނަ އަހަރު ފެށި ޕްރީސްކޫލެކެވެ. މިއަހަރުގެ ޖޫން މަހު ސްކޫލުގެ ނަން ވަނީ ޗައިމްސް ޕްރީ ސްކޫލުގެ ނަމަށް ބަދަލުކޮށްފަ އެވެ.