ބޮލީވުޑް

މާނޫޝީ ތައުލީމަށް ވުރެ ބޮލީވުޑް އިސްކުރި ސަބަބު

މިސް. ވޯލްޑްގެ ތާޖު ހާސިލުކޮށްފައިވާ އިންޑިއާގެ ރީތީގެ ރާނީ މާނޫޝީ ޝީލާގެ ފުރަތަމަ ބޮލީވުޑް ފިލްމު "ސަމްރަތު ޕްރިތުވިރާޖް" މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.

ދާދިފަހުން މާނޫޝީ ދީފައިވާ އިންޓަވިއުއެއްގައި ތައުލީމު ހާސިލުކުރުމަށްވުރެ ބޮލީވުޑް ކެރިއަރު އިސްކުރި ސަބަބު ކިޔައިދީފައިވެ އެވެ.

މިސް ވޯލްޑް މުބާރާތުގައި ބައިވެރިވިއިރު މާނޫޝީ އަކީ އެމްބީބީއެސް އަށް ކިޔަވަމުން ދިޔަ ދަރިވަރެކެވެ. ނަމަވެސް މިސް ވޯލްޑް މުބާރާތް ކާމިޔާބު ކުރެވުމާއެކު އޭނާ ވަނީ މެޑިސިން ކޯސް ދޫކޮށްލާފަ އެވެ. އެއީ ފިލްމު ކުޅެމުން ކިޔެވުމަކީ ކުރެވޭ ވަރުގެ ކަމަކަށް ނުވާތީ އެވެ.

"ފިލްމު ކުޅުމަކީ އާދައިގެ ވަޒީފާއެއް ނޫން. އެއަށް ވުރެ މާވާދަވެރިކަން ބޮޑު އިންޑަސްޓްރީއެއް އެއީ. މުޅިން ތަފާތު ޕްރޮފެޝަންއެއް. އަހަރެން ތަޖުރިބާ ކުރާ ފުރަތަމަ ފަހަރުވީމަ ބައެއް ދުވަސް ދުވަހު އިންތިހާއަށް ބިޒީކޮށް އުޅެން ޖެހޭ. އަނެއްބައި ދުވަސްދުވަހު އެއްވެސް މަސައްކަތެއް ނެތިފައިވެސް ހުންނަން ޖެހޭ،" މާނޫޝީ ބުންޏެވެ.

މިސް ވޯލްޑްގެ ތާޖު ކާމިޔާބު ކުރެވުނަސް ފިލްމު އިންޑަސްޓްރީގައި އޭނާއަށް އެހީތެރިވާނެ އެކަކު ވެސް ނެތެވެ. އޭނާއަކީ ފިލްމީ އާއިލާއަކަށް ނިސްބަތްވާ މީހަކަށް ނުވާތީ ހީކުރި ވަރަށް ވުރެ ވެސް އިންޑަސްޓްރީން ޖާގަ ހޯދަން އުނދަގޫ ކަމަށް މާނޫޝީ ބުންޏެވެ.

އަލުން ކިޔެވުމަށް އެނބުރި ދާން ބޭނުން ނުވީ ކުރިއާ ޚިލާފަށް މިހާރު އޭނާއަކީ ގިނަ ބަޔަކު ދަންނަ މީހަކަށް ވާތީ ކޮލެޖުގައި ކިޔަވަން އެހާ ފަސޭހަ ނުވާނެތީ ކަމަށް ވެސް މާނޫޝީ ބުންޏެވެ.

ފިލްމު ކުޅުމުގެ ބޭނުމުގައި ކިޔެވުން ދޫކޮށްލަން ޖެހުނަސް މާނޫޝީގެ އެއްވެސް ހިތްހަމަނުޖެހުމެއް ނެތެވެ. އޭނާއަށް ބެލުންތެރިންގެ ފަރާތުން ލިބޭ ލޯބީގެ ބޮޑުކަމުންނެވެ.