ސީރިއާއާ އެކު އެއްވެސް ރޫހެއްގައި ގާތް ގުޅުމެއް ނުބާއްވަވާނެ ކަމަށް ޔުކްރޭންގެ ރައީސް ވޮލޮދީމީރު ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
އޭނާ އަދި ވިދާޅުވީ ސީރިއާ އިޚުތިޔާރުކުރީ ގާތްކަން ދޫކޮށްލައި ދުޝްމަނުންނަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.
ޓެލެގްރާމްގައި ވީޑިއޯ މެސެޖެއް ޕޯސްޓް ކުރައްވައި ޒެލެންސްކީ ވިދާޅުވީ ސީރިއާއާ މުޅިން ގުޅުން ކަނޑާލެއްވީ ކަމަށެވެ.
ޒެލެންސްކީ މިގޮތަށް ނިންމެވީ ޔުކްރޭންގެ ދޮންބާސްގެ ދެކޮޅު -- ލުހާންސްކާއި ދޮނެސްތެކް އަކީ މިނިވަން ދެ ދައުލަތް ކަމަށް ސިރީއާ ގަބޫލުކުރުމާ ގުޅިގެންނެވެ.
މިއީ ރަޝިއާގެ ނުފޫޒުން ސީރިއާ ލައްވައި ކުރުވި ކަމެކެވެ. ސީރިއާ އަކީ ރަޝިއާއާ ވަރަށް ގާތް ގައުމެކެވެ.
ސީރިއާ ހަނގުރާމާގައި ރަޝިއާއިން އަސަދުގެ ސަރުކާރަށް އެއްބާރުލުން ނުދިން ނަމަ ސީރިއާގެ ވެރިކަމުގައި މިއަދާ ހަމައަށް އަސަދަކަށް ނުހުންނެވުނީހެވެ.
ރަޝިއާއިން ފެބްރުއަރީ 24ގައި ޔުކްރޭނަށް އަރައިގަތުމުގެ ކުރިން ލުހާންސްކާއި ދޮނެސްތެކްގެ މިނިވަންކަން އޮތީ ބަލައިގެންފަ އެވެ. އަދި ދޮންބާސްއަށް އެރީ އެ ދެ ދައުލަތުން ދިން ދައުވަތަކަށް ކަމަށް ރަޝިއާ އެއިރު ބުންޏެވެ.
ސީރިއާއިން ވެސް ރަޝިއާ އެއްކޮޅަށް އަރައި ލުހާންސްކާއި ދޮނެސްތެކަކީ މިނިވަން ދެ ދައުލަތް ކަމަށް ބަލައި ގުޅުން ބަދަހިކުރާނެ ކަމަށް ފޮރިން މިނިސްޓްރީން އޮތީ ބުނެފަ އެވެ. ވިޔަފާރި އާއި އަދި މަދަނީ ހާޖަތުތަކުގައި ގުޅުން ގާތްކުރާ ކަމަށް ވެސް އޮތީ ބުނެފަ އެވެ.