ދުނިޔެ

އުރުދުޣާން މޮސްކޯގައި ޕޫޓިންގެ އަރިހުގައި

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އާއި ތުރުކީގެ ރައީސް ރަޖަބް ރައްޔިބު އުރުދުޣާން އަކީ ވަރަށް ގިނައިން ބައްދަލުކުރައްވާ ދެ ލީޑަރުންނެވެ. އުރުދުޣާން ރަޝިއާއަށް ވަޑައިގެން ޕޫޓިންއާ އެންމެ ފަހުން ބައްދަލުކުރެއްވީ އިއްޔެ އެވެ.

ޕޫޓިން އާއި އުރުދުޣާން މިދާކަށް ދުވަހު، ޖުލައި 19 ގައި އީރާނަށް ވަޑައިގެން ވެސް ވަނީ ބައްދަލު ކުރައްވާފަ އެވެ. މި ދެ ލީޑަރުން އީރާނަށް ވަޑައިގަތީ އީރާންގެ ރައީސް، އިބްރާހީމް ރައީސީ އާއެކު ސީރިއާގައި ސުލްހަ ދެމެހެއްޓުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ.

ޕޫޓިން އާއި އުރުދުޣާންގެ ބައްދަލުވުން މި ފަހަރު އޮތީ ރަޝިއާގެ ސޯޗީގަ އެވެ. ކަޅުކަނޑަށް ހުޅުވިފައި އޮންނަ މި ސިޓީ އަކީ ރީތި އެހައި ހިތްގައިމު އަދި ރަޝިއާއަށް ޝަރަފުވެރި ސިޓީ އެކެވެ.

ދެ ލީޑަރުންގެ އެޖެންޑާގައި މަޝްވަރާއަށް ހުރި މައުލޫތަކަކީ ދެ ގައުމުގެ ދެމެދުގައި ގުޅުން ވަރުގަދަކުރުމާއި ވިޔަފާރި އާއި ޔުކްރޭން އަދި ސީރިއާގެ ވާހަކަތަކެެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ދެ ގައުމުގެ ގުޅުން މިހާރު އޮތީ އާ ބާބަކުން ފަށަން ޖެހިފަ އެވެ. ދެ ގައުމު އެއްބާރުލުމުގެ ސަބަބުން ހަރުދަނާ އަދި ދުނިޔެއަށް ފައިދާހުރި މަސައްކަތްތަކެއް ކުރެވިފައި ހުރި ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވީ މަސްލަހަތު ގެއްލުވާލުމަކީ އެއްވެސް ބައެއްގެ އިޚުތިޔާރުގައި އޮތް ކަމަކަށް ވެގެން ނުވާނެ ކަމަށެވެ. މަޝްވަރާ ކުރެއްވުމަކީ އުނދަގޫ ކަމެއް ނަމަވެސް މަޝްވަރާކުރުމުން ނުކުންނަ ނަތީޖާ ފޮނި ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.

ރަޝިއާ އާއި ތުރުކީ އަކީ ބައިނަލްއަގްވާމީ ބައެއް މައްސަލަތަކުގައި ޚިޔާލު ތަފާތު ދެ ގައުމެވެ. އޭގެ ތެރެއިން ވެސް ސީރިއާ އަކީ ސީރިއަސް މައުލޫއެކެވެ.

ތުރުކީން ކުރިން ބުނި ގޮތުން ސީރިއާގައި އަސަދާ ދެކޮޅަށް ހަނގުރާމަވެރި ގުރޫޕްތައް ހަރަކާތްތެރި ކުރުވާނެ އެވެ. ރަޝިއާ އެދުމަކީ އެކަން އެގޮތަށް ނުކުރުމެވެ. ސީރިއާގެ މަސްލަހަތު ގެއްލުވާލުމަކީ މިވަގުތަށް ނުރައްކާތެރި ކަމަކަށް ވެދާނެ ކަމަށްވެސް ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި އެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ދެމެހެއްޓުމަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ރަޝިއާ އާއި އީރާން އެވެ.

ތުރުކީގެ ވިސްނުމަކީ ސީރިއާގައި ވަކިވެގަތުމަށް -- އަސަދާ ދެކޮޅަށް މަސައްކަތްކުރާ ހަނގުރާމަވެރިންނަށް މަދަދުވެރިވުމެވެ. ތުރުކީ އަކީ އަސަދަށް ތާއީދުކުރާ ގައުމެއް ނޫނެވެ. އެހެން ނަމަވެސް، ދެ ލީޑަރުންގެ މަޝްވަރާގައި ސީރިއާގެ ހާލަތު ގޯސްވެދާނެ ކަމަށް ވިދާޅެއް ނުވެ އެވެ.

ދެ ގައުމު ގުޅިގެން ހަރުދަނާ މަސައްކަތަކެއް ކުރެއްވުމަށް ދެ ލީޑަރުން އެއްބަސްވެ ވަޑައިގެންނެވި ކަމަށްވެސް ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި އެވެ.