ކުޑަކުދިން

ކުޑަކުދިންނަށް އަނިޔާކުރުމުގެ 137 މައްސަލަ

Jun 30, 2022

ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާކުރުމާ ގުޅޭ 137 މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.

ޖެންޑާ މިނިސްޓްރީއަށް ޖުމްލަ 278 މައްސަލަ މިދިޔަ މެއި މަހު ރިޕޯޓްކޮށްފައިވާއިރު ތަފާސްހިސާބުތަކުގައިވާ ގޮތުން އެންމެ ގިނަ އން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާކުރުމާ ގުޅޭ މައްސަލަތަކެވެ.

ކުޑަކުދިން ކުރާ އަނިޔާގެ ތަފާހިސާބު

  • ޖިސްމާނީ އަނިޔާގެ 31 މައްސަލަ
  • ޖިންސީ އަނިޔާގެ 31 މައްސަލަ
  • އިހްމާލުވުމުގެ 26 މައްސަލަ
  • ގެވެށި އަނިޔާކުރާ ތަން ކުއްޖަކަށް ދެއްކުމުގެ 20 މައްސަލަ
  • ނަފުސާނީ އަނިޔާގެ ނުވަ މައްސަލަ
  • ބުލީކުރުމުގެ ނުވަ މައްސަލަ
  • ބްލެކްމެއިލް ކުރުމުގެ ހަތަރު މައްސަލަ
  • ނަހަމަ ގޮތުގައި ބޭނުންކުރުމާ ގުޅޭ ތިން މައްސަލަ
  • ވިޔަފާރީގެ ފައިދާއަށް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދެ މައްސަލަ
  • އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ބުލީކުރުމުގެ 2 މައްސަލަ

ތަފާސްހިސާބުތަކަށް ބަލާއިރު އަނިޔާ ލިބުނު ކުދިންގެ ތެރެއިން 82 ކުދިންނަކީ އަންހެން ކުދިންނެވެ. ފަންސާސްފަސް ކުދިންނަކީ ފިރިހެން ކުދިންނެވެ.

ކުޑަކުދިންނާ ގުޅޭ ބައެއް މައްސަލަތައް މީޑިއާގައި ރިޕޯޓް ކުރުމާ ގުޅިގެން އެފަދަ ބައެއް މައްސަލަތަކުގައި ހައްގު ހޯދުމަށް މުޖުތަމައުގެ ތެރެއިން އަޑުއުފުލި ނަމަވެސް ދުވަސްކޮޅެއް ފަހުން އެފަދަ އަޑުތައް ކެނޑިގެންދެ އެވެ. އަދި ދައުލަތުގެ އިދާރާތަކުގެ ތެރެއިން އިންސާފު ލިބުން ވަރަށް ބޮޑަށް ލަސްވެގެންދެ އެވެ.