ދިޕިކާ ޕަދުކޯން

ފިލްމުތައް ކުޅެދޭ އަގު ދިޕިކާ ބޮޑުކޮށްފި

Jan 6, 2016

މިވަގުތު ބޮލީވުޑްގެ އެންމެ ކުރީގައި އުޅޭ ބަތަލާ ދިޕިކާ ޕަދުކޯން އަށް ވޭތުވެދިޔަ އަހަރަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ކާމިޔާބު އަހަރެކެވެ.

މިދިޔަ އަހަރު ނިކުތް ދިޕިކާގެ ތިން ފިިލްމަށްވެސް ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު، މިވަގުތު ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އޭނާއަކީ އެންމެ ކާމިޔާބު އެއް ބަތަލާއެވެ.

މީގެއިތުރުންވެސް ބަތަލާއިންގެ ތެރެއިން ފިލްމުކުޅެދޭން އެންމެ ބޮޑު އަގެއް ކިޔާ ބަތަލާއިންގެ ތެރޭގައި މިހާރުވެސް ދިޕިކާ ހިމެނޭއިރު، ވޭތުވެދިޔަ އަހަރުގެ އޭނާގެ ކެރިއަރުގެ ކާމިޔާބީއާއެކު ވަނީ މިއަހަރު ފިލްމުތައް ކުޅެދޭން ކިޔާ އަގުބޮޑުކޮށްފަ އެވެ.

އެގޮތުން އެންމެފަހުން ނިކުތް ދިޕިކާގެ "ބާޖީރާއޯ މަސްތާނީ"ގެ ބޮޑު ކާމިޔާބާއެކު ދިޕިކާ ވަނީ މިހާރު ފިލްމު ކުޅެމުން އަންނަ ވަރަށް ވުރެން ފިލްމުތަކަށް ކިޔާ އަގު މައްޗައް ޖައްސާފަ އެވެ. ނޫސްތަކުގައިވާ ގޮތުން މިފިލްމުގެ ކާމިޔާބީއާއެކު ދިޕިކާ ދެން ފިލްމެއް ކުޅެދޭން އެއްބަސްވާނެ އަގަކީ 15 ކްރޯޑް (1500 މިލިއަން) ރުޕީޒް އެވެ.

މިހާރު ދިޕިކާ ފިލްމު ކުޅެދޭން ނިންމާފައިވާ އަގަކީ ބޮލީވުޑްގެ މަޝްހޫރު އެހެން ބަތަލާއިންނަށް ވުރެން ބޮޑު އަގެކެވެ. ބުނެވޭ ގޮތުގައި ދިޕިކާ އެންމެފަހުން ފިލްމު ކުޅެދީފައިވާ ފިލްމަކަށް 10 ކްރޯޑުގެ މަގުންނެވެ.

ނަމަވެސް މިއީ ބައެއް މަޝްހޫރު ބަތަލުން ފިލްމު ކުޅެން ނަގާ އަގަށް ވުރެން ކުޑަ އަދަދެކެވެ. ބަތާލާއިންނާއި ބަތަލުންގެ ދެމެދުގައި އޮންނަ މުސާރައިގެ ފަރަގު ކުޑަކުރުމަށް ބަތާލާއިން އަންނަނީ އަޑުއުފުލަމުންނެވެ.

މިއަހަރު ދިޕިކާ ކުޅޭނޭ ބޮލީވުޑް ފިލްމެއް އަދި ހަމަޖެހިފައި ނެތް ނަމަވެސް އޭނާއަށް ހޮލީވުޑް ފިލްމެއް ކަމަށްވާ "ޓްރިޕްލް އެކްސް"ގެ ސިލްސިލާގެ ފިލްމަކުން ވިން ޑީސެލްއާއެކު ފެނިގެންދާނެ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

މިއަހަރު ދިޕިކާ ފިލްމެއް ރިލީޒްވުމަށް ހަމަޖެހިފައި ނެތްއިރު އާއި އަދި އާފިލްމެއް ކުޅެން ސޮއިކޮށްފައިނުވާއިރު، "ދަ ފޯލްޓް އިން އަވާ ސްޓާސް" ގެ ހިންދީ ރީމެކްއާއި "ޕައިރޭޓް" ކިޔާ ފިލްމެއް މިއަހަރުގެ ތެރޭގައި ދިޕިކާ ކުޅޭނެކަމަށްވެ އެވެ.

މިހާތަނަށް ނިކުތް ދިޕިކާގެ ހުރިހާ ފިލްމުތަކުގެ ތެރެއިން ދެތިން ފިލްމަކަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް އެހެން ހުރިހާ ފިިލްމުތައް ވަނީ ހިޓްވެފަ އެވެ.