ޓެކްސީގެ ހިދުމަތް

ޓެކްސީގެ އަގުތަކަށް ބަދަލު ގެންނަން މަޝްވަރާކުރަނީ!

Jun 30, 2022

ޓެކްސީ ދަތުުރުތަކުގެ އަގުތަކަށް ބަދަލު ގެނައުމާ ގުޅޭގޮތުން ސަރުކާރާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ބައެއް ޓެކްސީ ޑްރައިވަރުން ބުނެފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވި ބައެއް ޓެކްސީ ޑްރައިވަރުން ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ ޓެކްސީތަކުގެ އަގު ބޮޑުކުރަން ސަރުކާރުން މީގެކުރިން ދެކޮޅު ހެދި ނަމަވެސް ސަރުކާރުގެ ވިސްނުން މިފަހަރު ތަފާތު ކަމަށެވެ.

ޑްރައިވަރަކު ބުނީ ދުނިޔޭގެ ބާޒާރުގައި ތެލާއި މުދަލުގެ އަގު އިންތިހާ އަށް މިވަގުތު ބޮޑުވެފައިވާތީ ޓެކްސީގެ އަގުތަކަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުގެ ތެރެއިން މިފަހަރު ދޫތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

"ހަގީގަތަކީ ޓެކްސީ ދަތުރުތައް ނޫން ހުރިހާ ހިދުމަތެއްގެ އަގު ބޮޑުވެއްޖެ. އެހެންވެ ސަރުކާރުންވެސް މިހާރު ގަބޫލުކުރޭ މިހާލަތުގައި އަޅުގަނޑުމެންގެ މި ހިދުމަތް ވެސް ދެވޭނީ އަގަށް ބަދަލެއް ގެނެސްގެން ކަން." ޑްރައިވަރު ބުންޏެވެ.

އޭނާ ބުނީ އަދި ކުރިއަށްދަނީ އެހާ ރަސްމީ މަޝްވަރާތަކެއް ނޫން ކަމަށެވެ. ނަމަވެސް ސަރުކާރުން މިފަހަރު ޓެކްސީ ޑްރައިވަރުންނާ މެދު ވިސްނަވާ ރަނގަޅު ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ބައެއް ޓެކްސީ ޑްރައިވަރުން މިހާރުވެސް ބޮޑު އަގު ނަގާ ކަމަށް ބައެއް އާންމުން ގެންދަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ.

މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެވޭނެ އަގުތަކުގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވަނީ މާލެ އާއި ހުޅުލެއަށް 60 ރުފިޔާ، ހުޅުމާލޭން ހުޅުލެ އަށް 60 ރުފިޔާ، މާލެ އިން ހުޅުމާލެ އަށް 75 ރުފިޔާ އަދި މާލެ އާއި ހުޅުމާލެ ތެރޭގައި 25 ރުފިޔާ އެވެ.

ޓެކްސީ ދަތުުރުތަކުގެ އަގުތަކަށް ބަދަލު ގެނައުމާ ގުޅޭގޮތުން ސަރުކާރާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ބައެއް ޓެކްސީ ޑްރައިވަރުން ބުނި ނަމަވެސް މިމައްސަލައިގައި ސަރުކާރުން ވަކިން ހާއްސަކޮށް ޓްރާންސްޕޯޓް މިނިސްޓްރީން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.