އީވާ އަބްދުﷲ

ސަރުކާރުގައި އެމްޑީޕީގެ ފިކުރާއި ވިސްނުމެއް ނެތް: އީވާ

Jun 30, 2022

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެމްޑީޕީގެ ވަންތަކަން ނެތް ކަމަށާއި މިސަރުކާރު ހިންގަނީ ވެސް އެމްޑީޕީގެ ފިކުރާއި ވިސްނުމުގައި ނޫން ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އީވާ މިހެން ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް އިދިކޮޅު މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލްގެ ބަހުސްގައި މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އީވާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ އެމްޑީޕީ އިސްވެ އޮވެ ކުރި މަސައްކަތުން ކަމަށްވީ ނަމަވެސް ސަރުކާރުގައި އެމްޑީޕީގެ ދައުރު ކުޑަ ކަމަށެވެ.

"އެއްބައި ފަހަރަށް އަޅުގަނޑަށް ހީވޭ އިރުއަރާ އިރު އަދާލަތު ޕާޓީގެ ވެރިކަމެކޭ، އިރުއޮއްސޭއިރު އެމްއާރްއެމްގެ ވެރިކަމެކޭ" ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ފާޑުވިދާޅުވަމުން އީވާ ވިދާޅުވި އެވެ.

އެމްޑީޕީގެ ދައުރު ސަރުކާރުގެ ތެރޭގައި ކުޑަވަނީ ރިޔާސީ ނިޒާމެއްގެ ތެރެއިން ކޯލިޝަން ހަދައިގެން ވެރިކަން ކުރަންޖެހޭތީ ކަމަށްވެސް އީވާ ވިދާޅުވި އެވެ. އެހެންކަމުން މިހާރު އޮތް ވެރިކަމުގެ ނިޒާމު ކަމަށްވާ ރިޔާސީ ނިޒާމަކީ ހެޔޮ ވެރިކަމެއް ކޮށްދެވޭނެ ނިޒާމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. އެހެންވެ އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާ ގޮތަށް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްވެސް ގޮވާލެއްވި އެވެ.

"ވެރިކަން އެބައޮތް. ކޯލިޝަން ވެސް އެބައޮތް. އެކަމަކު މިކޯލިޝަންގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީ އޮތީ މާކަހިތްހަމަޖެހިގެންނޭ ބުނެވޭކަށް ނެތް. ރައީސް ނަޝީދަކީ އެމްޑީޕީގެ މިވެރިކަން ކުރާ ކޯލިޝަންގެ ބޮޑު ހިއްސާ އޮތް ޕާޓީގެ ރައީސް. މަނިކުފާނު މިޕާޓީގެ ހިއްސާ ވެރިކަމުގެ ތެރޭގައި އޮތް މިންވަރާއި ދޭތެރޭގައި ހިތްހަމަޖެހިވަޑައި ނުގަންނަވާކަން އެއީކީ އެއް ސިއްރެއް ނޫން." އީވާ ވިދާޅުވި އެވެ.

އެމްޑީޕީއަށް މިހާރު މަޖިލީހުގައި ލިބިފައި އޮތް މެޖޯރިޓީ ބޭނުންކޮށްގެން ރިޔާސީ ނިޒާމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމަށް ވެރިކަމުގައި ނިޒާމު ބަދަލުކުރަން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ސިފަކުރެއްވި އެވެ. އަދި ލަސްކުރާނަމަ އެމަސައްކަތް ކުރަން ވަގުތު ނެތް ކަމަށް ދޭހަވާ ގޮތަށްވެސް އީވާ ވާހަކަދެއްކެވި އެވެ.

އީވާ އިތުރަށް ވިދާޅުވީ ބަރުލަމާނީ ނިޒާމު އޮތް ތަހުޒީބު ގައުމުތަކަށް ބަލާލުމުން ކޮރަޕްޝަން މަދުވެފައި ފުދުންތެރިކަން އެ ގައުމުތަކުގައި އިތުރު ކަމަށެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުން ވަކާލާތު ކުރެއްވި ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ހިމެނޭ ބައެއް ބޭފުޅުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މިހާރު ދެކޮޅު ހައްދަވަ އެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ މިވަގުތު މާބޮޑު އިސްކަމެއް ދެއްވާ ކަމެއް ނޫން ކަމަށް ދޭހަވާ ގޮތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ވާހަކަދައްކަވާފަ އެވެ.