ރައްޔިތުންގެ މަޖިލިސް

މަސްދަރު ހާމަކުރަން މަޖުބޫރުކޮށް ބިލު ފާސްކޮށްފި

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަ ކުރުވޭ ގޮތަށް ހެއްކާބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މި ބިލް ފާސްކޮށްފައި ވަނީ އެ ބިލް ފާސްކުރުމާއި ދެކޮޅަށް ނޫސްވެރީން އިހުތިޖާޖުވެސް ކޮށްފައި ވަނިކޮށެވެ. އަދި ބިލް އެ ގޮތަށް ފާސް ނުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލާއި ރާއްޖޭގެ ސީނިއާ ނޫސްވެރީން އަދި ނޫސް އިދާރާތަކުން ގޮވާލަމުން ދަނިކޮށެވެ.

ޖުމްލަ 151 މާއްދާ އެކުލެވޭ ބިލު ދިރާސާކޮށް ކޮމިޓީން ހުށަހެޅި ރިޕޯޓަށް މެންބަރުން މެދުވެރިކޮށް ބަންޑާރަ ނައިބު އޮފީހުން 15 އިސްލާހެއް ހުށަހަޅައި ބައެއް ބަދަލު ގަނައި ނަމަވެސް މަސްދަރު ހާމަ ކުރެވޭ ގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސްފައެއް ނުވެއެވެ. ބިލު މަޖިލީހުން ފާސްކުރީ 50 މެންބަރުންގެ ވޯޓުންނެވެ. ބިލް ފާސް ކުރަން ނުފެންނަ ކަމަށް ފަސް މެންބަރަކު ވޯޓު ދެއްވި އެވެ. ވަކި ކޮޅަކަށް ވޯޓް ނުދެއްވާ ތިއްބެވީ ދެ މެމްބަރަކެވެ.

މި ބިލަކީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ މަޖިލީހަށް ހުށައެޅި ބިލެކެވެ. ބޭނުމެއް ކަމަށް ބުނީ 1976 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ނުބައްދަލު ގާނޫނެއް ކަމަށްވާތީ ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ހެއްކާބެހޭ ތަފްސީލީ ގާނޫނެއް ތައާރަފު ކުރުމެވެ.

ސަރުކާރުގެ ބިލުގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަ ކުރެވޭ ގޮތްތަކާއި ހެކި ހުށަހެޅުމާއި ބަލައިގަތުން އަދި ހެކިބަސް ނެގުމާއި ހެކި ވަޒަން ކުރުމުގެ މިންގަނޑުތައް ހިމަނާފައި ވެއެވެ. އަދި މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި އިސްލާމްދީނުގައި ހައްދާއި ގިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތު ކުރުމަށް ބޭނުންވާ ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތުކުރުމުގެ ޒިންމާއާގުޅޭ އުސޫލުތައް ވެސް ހިމެނޭ އިރު ހެކީގެ ގޮތުގައި ހުށަ ނޭޅޭނެ އިމްތިޔާޒް ލިބިގެންވާ ކަންކަންފަދަ ހެއްކާބެހޭ އުސޫލުތައް ބަޔާން ކޮށްފައި ވެއެވެ.

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަ ކުރުވޭ ގޮތަށް ހެއްކާބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެން މީޑިއާ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނޫސްވެެރީންގެ ކަންބޮޑުވުންތަކާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފިނި ގޮތަކަށް ޖަވާބު ދެއްވާފައެވެ. ނަޝީދު ވިދާޅުވި ގޮތުގައި މަސްދަރު ހާމަ ކުރުވުމުގެ މައްސަލައަށް މިވަގުތު ދެވޭނެ ހައްލެއް ނެތެވެ. އަދި އެކަން އެހެން ދިމާވީ ނޫސްވެރީން އެކަމާއި ދެކޮޅަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރުން ކަމަށް ވިދާޅުވިއެވެ.

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު ހާމަ ކުރުވަން މަޖުބޫރު ވުމަކީ ނޫސްވެރިކަމުގައި ރާއްޖެ ފަހަތަށް އެޅި ފިޔަވަޅެކެވެ. މި ސަރުކާރަކީ ހިޔާލުފާޅު ކުރުމާއި ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން ދޭނެ ކަމަށް ވައުދުވެގެން ވެރިކަމަށް އައި ސަރުކާރެކެވެ.