ރައީސް މުހައްމަދު ނަޝީދު

ރައީސް ދެވަނަ ދައުރަކަށް ވާދަކުުރުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން: ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ސަރުކާރު ހިންގާ އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އޮތް "އާސްކު ސްޕީކާ" ޕްރަގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދު މި މޭރުމުން ވާހަކަ ދެއްކެވީ ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތްތޯ އަދި ކާމިޔާބު ނުކުރެއްވިއްޖެނަމަ ކާމިޔާބު ކުރައްވާ ކެންޑިޑޭޓަކަށް ތާއީދު ކުރައްވާނެތޯ އާންމުންގެ މީހަކު ސުވާލު ކުރުމުންނެވެ.

"އަޅުގަނޑު އެއްވެސް އިންތިހާބަކަށް ނުނިކުންނަން ބަލިވާނެ ކަމަކަށް ނިންމައިގެނެއް. ނުވަތަ ކާމިޔާބު ނުލިބޭނެ ކަމަކަށް ދެކިގެނެއް. އެހެންވީމަ ކުރިއަށް އޮތް އިންތިހާބުތަކުގައިވެސް އަޅުގަނޑު ނިކުންނާނީ ކާމިޔާބު ކުރުމަށް. ދެން އަޅުގަނޑު ދެކޭނީ ކާމިޔާބު އަދި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަަޝީދު ވިދާޅުވީ އެމަނިކުފާނު އެއްވެސް އިންތިހާބަކަށް ނިކުންނަވަނީ ނާކާމިޔާބު ވާނެ ކަމަށް ބަލައިގެން ނޫން ކަމަށެވެ. އަދި އިންތިހާބުން ކާމިޔާބު ވާނެ ކަމަށް ވިދާޅުވިއެވެ. އޭގެ ފަހަށް ވިދާޅުވީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ސަރުކާރު ހިންގާ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ނިމިގެންދިޔަ 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން މިނިސްޓަރު ޝާހިދު ފާޅު ކުރެއްވި ކަމަށާ ނަމަވެސް އެ ފަހަރުގެ އިންތިހާބުގައި ނިކުންނަވަން އެންމެ ރަނގަޅު ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ޝާހިދު އަރިހުގައި ވިދާޅުވެފައި ވާނެ ކަމަށް ނަޝީދު މިރޭ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެއްވުން މަޑުޖައްސަވާ ލެއްވުމަށް ޝާހިދުގެ އަރިހުގައި އެދިވަޑައިގެންނެވި ނަމަވެސް ޝާހިދަކީ ވެރިކަމަށް ވަޑައިގަތުމަށް "ރުކުން" ހަމަ ބޭފުޅެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދެވަނަ ދައުރަކަށް ކުރިމަތިލެއްވުން އެއީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން. ރައީސް، 2018 ވަނަ އަހަރުގައި ކުރިމަތިލެއްވި އިރުގައި އޭގެ ކުރީގައި އަޅުގަނޑާއި ބައްދަލު ކުރެއްވި އަބްދުﷲ ޝާހިދު. އެ 2018 ވަނަ އަހަރުގެ އިންތިހާބުގައި ޝާހިދު އެދިވަޑައިގެންނެވި ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނެވުމަށް. އެހެން ނަމަވެސް އަޅުގަނޑު ދެންނެވިން ޝާހިދުގެ އަރިހުގައި އަޅުގަނޑަށް ފެންނަ ފެނުމުގައި 2018 ވަނަ އަހަރުގެ އިންތިހާބުގައި ނިކުތުމަށް އެންމެ ރަނގަޅު ބޭފުޅަކަށް ވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއޭ. 2018 ވަނަ އަހަރު އަޅުގަނޑު އަބްދުﷲ ޝާހިދު އަރިހުގައި އެ ފަހަރު މަޑުކުރައްވަން ދެންނެވިއިރުގައި އަޅުގަނޑަށްވެސް ވަރަށް ބޮޑަށް ސާފު ޝާހިދަކީ ރާއްޖޭގެ ވެރިކަން ކުރުމުގެ ހުރިހާ ރުކުނެއް ފުރިހަމަވާ ބޭފުޅެއްކަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީން ތިންވަނަ ބޭފުޅަކަށްވެސް ފުރުސަތު ދިނުމާމެދުވެސް ވިސްނެވުން ރަނގަޅު ކަމަށެވެ. އެމަނިކުފާނު އެ އިޝާރާތް ކުރައްވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދު ނޫން ބޭފުޅަކަށް ފުރުސަތު ދިނުން ކަމަށް ބެލެވެއެވެ.

"ކުރިއަށް އޮތްތަނުގައި ރިޔާސީ ޓިކެޓްގައި އެމްޑީޕީން ނިކުންނާނީ ތިންވަނަ ބޭފުޅެއްތޯ އެ ސުވާލު އަޅުގަނޑު ހިތުން އެމްޑީޕީގެ ހުރިހާ މެންބަރުންވެސް ކުރައްވާނެ. ދެން އަޅުގަނޑު ދެކޭ ގޮތުގައި ކުރިއަށް މި އޮތް ހަފްތާތަކުގެ ތެރޭގައި މިކަންކަމުގެ ޖަވާބު ސާފު ވެގެން އަންނާނެ،" ނަޝީދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ސަރުކާރު ހިންގާ އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު ދެވަނަ ދައުރަަކަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ސޯލިހް ވަނީ ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ.