ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ދޫކޮށް އެހެން ޕާޓީއަކާއި ގުޅިވަޑައިނުގަންނަވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކަށް ހާއްސަ ނަމަވެސް އެމަނިކުފާނުގެ ސިޔާސީ ވިސްނުންފުޅު ހާމަ ކުރެއްވުމަށް އިސްކަން ދެއްވައިގެން ކުރިއަށް ގެންދަވާ "އާސްކު ސްޕީކާ" ޕްރަގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
"އެމްޑީޕީ ނޫން ތަނަކު [އެ ޕާޓީ ނޫން ޕާޓީއަކުން] ދުވަހަކުވެސް، ދުވަހަކުވެސް އަޅުގަނޑެއް ނުފެންނާނެ. އަޅުގަނޑަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ މެންބަރެއް. އަޅުގަނޑު އުންމީދު ކުރަނީ އަޅުގަނޑު މަރުވެދާނީވެސް އެ ގޮތުގައި ކަމަށް. އެހެންވީމަ އެ ނޫން ގޮތަކަށް އެކަމެއް ނުފެންނާނެ،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ދުރުވިސްނޭ ޕާޓީއެއް ކަމަށާ ކަންކަމަށް "ފުޅާ" ހައްލު ހޯދާނެ ޕާޓީއެއް ކަމަށެވެ. އެމަނިކުފާނު އިޝާރާތް އެ ކުރައްވަނީ ޕާޓީގެ ތެރޭގައި އޮތް ބައިބައިވުމަށް ހައްލު ހޯދާނެ ވާހަކަ ކަމަށް ބެލެވެއެވެ.
އެމްޑީޕީ ދޫކޮށް އެހެން ޕާޓީއަކާއި ގުޅިވަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގައި ނެގޭ ވޯޓްތަކުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރޭ ތްރީލައިން ވިޕާ ދެކޮޅަށް ވޯޓް ދެއްވި ނަމަވެސް ޕާޓީން ވަކި ނުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމަނިކުފާނު ކުރީން ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމި ނިންމުމާ ދެކޮޅުކަން ހާމަކުރައްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސެޕް ގުރޫޕްގައި ކުރެއްވި މެސެޖެއްގައެވެ.
މިރޭގެ ޕްރަގްރާމްގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ އައު ދައުރުގެ އިންތިހާބަށް ފަހު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް އަހުމަދުގެ އެމްޑީއޭއާއެކުވެސް އެމްޑީޕީންް ކޯލިޝަން ހެދުން މުހިންމު ކަމަށެވެ. ކުރިއަށް އޮތް 2023 ގެ އިންތިހާބުގައި ވާދަކުރަން ސިޔާމްވެސް ވަނީ ނިންމަވާފައެވެ.