ލައިފްސްޓައިލް

އަންހެނަކު އޭނާގެ ކުރީގެ ލޯބިވެރިޔާގެ ބައްޕަ އާ ކައިވެނިކޮށްފި

އެމެރިކާ އަންހެނަކު އޭނާގެ ކުރީގެ ލޯބިވެރިޔެއްގެ ބައްޕަ އާ ކައިވެނިކޮށްފި އެވެ. އުމުރުން 51 އަހަރުގެ ފިރިހެންމީހާ އާ ކައިވެނިކުރި އަންހެންމީހާގެ އުމުރަކީ 27 އަހަރެވެ.

އޯހިއޯގައި ދިރިއުޅޭ ސިޑްނީ ޑީން ނަމަކަށް ކިޔާ މި އަންހެން މީހާ ކައިވެނިކޮށްފައިވަނީ ޓްރަކް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ ޕޯލް އާ އެވެ. މި ދެ މީހުން ފުރަތަމަ ބައްދަލުވީ ޕޯލްގެ ދަރިފުޅާ ރައްޓެހިވެގެން ޕޯލްގެ ގެއަށް ސިޑްނީ ގޮސް އުޅުމުގެ ތެރޭގަ އެވެ. އޭރު ސިޑްނީ އަށް އެންމެ 11 އަހަރެވެ.

ޓީންއޭޖް ދުވަސްވަރު ރައްޓެހިވެގެން އުޅެފައިވާ ޕޯލްގެ ދަރިފުޅާއި ސިޑްނީ ރުޅިވުމަށްފަހު ވެސް އެމީހުންގެ އެކުވެރިކަން ދެމި އޮތެވެ. ނަމަވެސް މި އެކުވެރި ކަމަށް ކުރިމަގުގައި މުޅިން އާ ނަމެއް ލިބިދާނެ ކަމަކަށް މި ދެ މީހުން ހިޔެއް ނުކުރެ އެވެ.

ސިޑްނީ ބުނި ގޮތުގައި ޕޯލްގެ ދަރިފުޅު އޭނާ އާ ރައްޓެހިވެގެން އުޅެފައި އާ ލޯބިވެރިޔަކު ހޯދައި އޭނާ ބާކީ ކޮށްލީ އެވެ. އެ ދަނޑިވަޅުގައި ސިޑްނީ ވަރަށް ދެރަވެގެން ޕޯލްގެ ކައިރީގައި އެ ވާހަކަ ދެއްކި އެވެ. އެގޮތަށް ވާހަކަ ދައްކަމުން ގޮސް ޕޯލް ދެކެ ލޯބި ވެވުނު އިރެއްވެސް ނޭނގޭ ކަމަށް ސިޑްނީ ބުންޏެވެ.

ސިޑްނީ އާއި ޕޯލް ރައްޓެހިވީ ސިޑްނީއަށް 16 އަހަރު ފުރުނު ފަހުންނެވެ. އެއީ އެމީހުންގެ ސްޓޭޓުގައި މީހުންނާ ރައްޓެހިވިޔަސް މައްސަލަ ނުޖެހޭ އުމުރެކެވެ. ރައްޓެހިވިތާ އެތައް އަހަރެއް ފަހުން ދެ މީހުން މިހާރު އުޅެނީ ކައިވެނިކޮށްގެންނެވެ.

ސިޑްނީ އާއި ޕޯލްގެ ކައިވެންޏަށް ސިޑްނީގެ އާއިލާ އެއްބަސް ކުރުވުންވީ ވަރަށް އުނދަގޫ ކަމަކަށެވެ. އަދި ޕޯލްގެ ހަގު ދަރިފުޅު (ސިޑްނީގެ ކުރީގެ ލޯބިވެރިޔާ) މި ކައިވެންޏާ ވަރަށް ހިތްހަމަނުޖެހިގެން އުޅުނެވެ.