އަލީ ރަމީޒް

ހިރިލަންދޫ އިން އަލީ ރަމީޒަށް ސުވާލުތަކެއް؟

ވެރިކަަމަށް އައުމަށާއި ސިޔާސީ ދާއިރާއަށް ނިކުތުމުގެ ޝައުގުވެރި ކަމެއް ނެތް ކަމަށް ދިވެހީންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އަލީ ރަމީޒު ބުނެފި އެވެ. އޭނާ އެހެން ބުނެފައިވަނީ ހަޔާތުގެ އެކި ވާހަކަތައް ހިއްސާ ކުުރުމަށް ކުރިއަށް ގެންދާ "އަލީ ރަމީޒާއެކު" އިވެންޓްގައި ރޭ ވާހަކަ ދައްކަމުންނެވެ.

ޖަމިއްޔަތުއްސަލަފުގެ އިވެންޓެއްގެ ގޮތުގައި ކުރިއަށް ގެންދާ "އަލީ ރަމީޒާއެކު" ރޭ އޮތީ ތ. ހިރިލަންދޫ ގައެވެ. މިއީ އާންމުންގެ ވަރަށް ބޮޑު ޝައުގުވެރި ކަމެއް އޮންނަ އިވެންޓެކެވެ. މިހާތަނަށް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މި އިވެންޓް ވަނީ ބާއްވާފައެވެ.

"އަލީ ރަމީޒާއެކު" އިވެންޓްގައި އޭނާގެ ހަޔާތުގެ އެކި ވާހަކަތައް ހިއްސާ ކުރެއެވެ. އަދި އޭނާއާ ގުޅޭގޮތުން އާންމުން ކުރަން ބޭނުންވާ ސުވާލުތަކަށް ފުރުސަތު ހުޅުވާލާ އެ ސުވާލުތަކަށް ޖަވާބު ދެއެވެ.

ރޭ ހިރިލަންދޫގައި އޮތީ މިހާތަނަށް ބޭއްވުނު "އަލީ ރަމީޒާއެކު" އިވެންޓްގެ އެންމެ ދިގު އަދި އެންމެ ގިނަ ސުވާލުތައް ކުރިމަތިވި އެއް އިވެންޓެވެ. ހިރިލަންދޫގެ ރައްޔިތުން ވަނީ އަލީ ރަމީޒަށް ވަރަށް ގިނަ ސުވާލުތައް ކުރިމަތި ކޮށްފައެވެ. ހާއްސަކޮށް ސިޔާސީ ދާއިރާއަށް ނިކުތުމުގެ ޝައުގުވެރިކަން ހުރިތޯ ސުވާލުކުރި އެވެ. އަދި ވެރިކަމަށް ކުރިމަތިލުމުގެ އެއްވެސް ޝައުގެއް ހުރިތޯވެސް ސުވާލު ކޮށްފައިވެއެވެ.

އަލީ ފާހަގަ ކުރެވިފައިވަނީ ޓްވިޓާ އާއި ފޭސްބުކްގައި ވަރަށް ނުފޫޒު ގަދަ މީހެއްގެ ގޮތުގައެވެ. ރާއްޖޭގައި ހިންގާ ވަރަށް ގިނަ ކަންކަމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރެއެވެ. އެހެން ކަމުން ބައެއް މީހުންގެ ނަޒަރުގައި އަލީ އަކީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ އަދި ވަކި ސިޔާސީ ފިކުރުތަކެއް ކުރިއަރުވަން މަސައްކަތް ކުރާ މީހެކެވެ.

އެ ސުވާލުތަކަށް އަލީ ވަނީ ރޭ ވަރަށް ސާފުކޮށް ޖަވާބު ދީފައެވެ. އަލީ ބުނި ގޮތުގައި ސިޔާސީ ދާއިރާއަށް ނިކުތުމަށް އޭނާގެ ކައިރީގައި ވަރަށް ގިނަ ބަޔަކު އެދެއެވެ. ނަމަވެސް އެކަމަށް މިވަގުތު އެއްވެސް ޝައުގުވެރި ކަމެއް ނެތެވެ.

"މިވަގުތު ތިކަމުގެ [ސިޔާސީ ދާއިރާއަށް ނިކުތުމުގެ] އެއްވެސް ޝައުގެއް ނެތް. ނަމަވެސް ކަންކަން ބަދަލުވެގެން ދިއުމަކީވެސް ނުވާނެ ކަމެއް ނޫން. ވަރަށް ގިނަ ބަޔަކު މެސެޖްްކޮށް ގުޅާ ހަދާ ކަމެއްގެ ވާހަކަ އިން ސުވާލު ތިކުރީ،"

ހިރިލަންދޫގެ ވަރަށް ގިނަ ބަޔަކު ހާޒިރުވެ ތިބި އެ އިވެންޓްގައި އަލީ ބުނީ ވަކި މީހަކު ވެރިކަމަށް އައިސްގެން ނުވަަތަ ވަކި މީހަކު ވެރިކަމުން ފައިބައިގެން އޭނާއަށް ލިބޭނެ ވަޒީފާއެއް ނެތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގެއްލޭނެ އެއްވެސް ވަޒީފާއެއްވެސް ނެތް ކަމަށެވެ.

"ރަނގަޅަށް އަޑު އައްސަވާ. ވަކި މީހަކު ވެރިކަަމަށް އައިސްގެން ވަކި މީހަކު ވެރިކަމުން ފައިބައިގެން އަޅުގަނޑަށް ލިބޭނެ ވަޒީފާއެއް ނުވަތަ ގެއްލޭނެ ވަޒީފާއެއް ނެތް. އަޅުގަނޑަށް މުހިންމެއް ނުވާނެ އެއްވެސް ސިޔާސީ ޝަހުސިއްޔަތެއް. އަޅުގަނޑަކީ ދުވަހަކުވެސް އަޅުގަނޑުގެ މުޅި ހަޔާތުގައިވެސް އެއްވެސް ސިޔާސީ މީހެއްްގެ އަތުން ލޯ ލާރިއެއްވެސް ބޭނުން ކުރި މީހެއް ނޫން. ސިޔާސީ ބައެއް ފަރާތްތަކަށް އަޅުގަނޑަކީ މިއަދުވެސް މުހިންމު މީހަކަށް ވިޔަސް އަޅުގަނޑަކަށް އެއްވެސް ސިޔާސީ ޝަހުސިއްޔަތެއް މުހިންމެއް ނޫން،" އަލީ ރަމީޒު ބުންޏެވެ.

މިއުޒިކަށް ވަރަށް ބޮޑު ފޯރިއެއް ކުރީން އޮތް ހިރިލަންދޫގައި ރޭ އޮތް "އަލީ ރަމީޒާއެކު" އިވެންޓްގައި އޭނާ ވަނީ ލަވަޔާއި މިއުޒިކުގެ ތެރޭގައި އުޅުނު ދުވަސްތަކާއި ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަތައް ހިއްސާކޮށްފައެވެ.

ލަވައިގެ ދުނިޔޭގެ ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދުމަށް ކުއްލި ގޮތަކަށް އަލީ ރަމީޒު ލަވަކިޔުން ހުއްޓާލީ އެއީ ދީނީ ގޮތުން ހުއްދަ ކަމަކަށް ނުވާތީ އެވެ. އޭގެ ފަހުން މިދިޔަ ދުވަސްތަކުގައި އަލީގެ ގިނަ ވަގުތުތައް ހޭދަކޮށްފައިވަނީ ދައުވަތުގެ މައިދާނުގައެވެ. އިލްމުވެރިންނާއެކު ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށްފައިވެއެވެ. "އަލީ ރަމީޒާއެކު" ސިލްސިލާ ޕްރަގްރާމްތަކަކީ އޭނާއަށް ހިދާޔަތުގެ އަލިކަން ލިބުނު ގޮތާއި ކުރީން އޮތް ބޮޑު މަޝްހޫރު ކަމުގައި ދިރިއުޅުން ހޭދަކުރި ގޮތް އާންމުންނާއި ހިއްސާކުރުމަށް ބާއްވާ ޕްރަގްރާމްތަކެކެވެ. އެ ޕްރަގްރާމްތަކުގެ ސަބަބުން އެތައް ބަޔެއްގެ ދިރިއުޅުން ރަނގަޅު ކުރުމަށް ފުރުސަތު ފަހިވެގެން ދެއެވެ.