ދިވެހި ސިނަމާ

މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ އިންތިހާބަށް ހުޅުވާލައިފި

މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) ގެ އާންމު އިންތިހާބަށް ހުޅުވާލައިފި އެވެ. އެމްއެފްއޭގެ އިންތިހާބަށް ހުޅުވާލީ މިއަދު މެންުދުރު 2:00 ގައެވެ.

އެމްއެފްއޭގެ އާންމު އިންތިހާބަށް ހުޅުވާލިއިރު 2020 ވަނަ އަހަރު ފެށުނުއިރު އެންމެ ފަހުން އޮތް އެމްއެފްއޭގެ ބޯޑްގެ މުއްދަތު ވަނީ ނިމުމަކަށް އައިސްފައެވެ. މިދިޔަ މުއްދަތުގައި އިންތިހާބު ނުބޭއްވި ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެންނެވެ.

އެމްއެފްއޭގެ އިންތިހާބަށް މިއަދު ހުޅުވާލިއިރު އިންތިހާބު ބޭއްވުމަށް ހާއްސަކޮށްގެން އިންތިގާލީ ބޯޑެއް ވަނީ އެކުލަވާލާފައެވެ. ބޯޑްގެ ޗެއާޕާސަން އަކީ މުހައްމަދު ނަޝީދު (ބޭބީ) އެވެ. ވައިސް ޗެއާޕާސަން އަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. މީޑިއާ ކޯޑިނޭޓަރަކީ އަހުމަދު ސައީދު އެވެ.

އަވަސްއަށް މައުލޫމާތު ދެމުން ސައީދު ދެންމެ ބުނީ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އެމްއެފްއޭ ބޯޑަށް ޖުމްލަ ހަތް މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ ޗެއާޕާސަންގެ މަގާމާއި ވައިސް ޗެއާޕާސަންގެ އިތުރުން ޖެނެރަލް ސެކްރެޓަރީ އާއި ޓްރެޒަރާ އަދި އިތުރު ތިން މެންބަރުންނެވެ. 

މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެ ދުވަހުގެ އިރުއޮއްސި ހައެއް ޖަހަން ދެން ފޯމް ބަލައިގަންނާނެ އެވެ. ފޯމް ދޫކުރާނީ އަދި ފޯމް ބަލައިގަތުން އޮންނާނީ އެމްއެފްއޭގެ އިންތިގާލީ އޮފީސް ގ. ބެރުގެއިންނެވެ. މަގާމުތަކަށް ކުރިމަތިލުމުގެ ފޯމް އޮންލައިންކޮށްވެސް ލިބެން ހުންނާނެ އެވެ.

ނަމަވެސް ސައީދު ބުނި ގޮތުގައި ފޯމް ހުށައަޅަން ޖެހޭނީ އެމްއެފްއޭގެ އޮފީހަށް ސީދާ ކެންޑިޑޭޓް ހާޒިރުވެއެވެ. އައު ބޯޑަށް މެންބަރުން ހޮވުން އޮންނާނީ އޮގަސްޓް ހަތަރު ވަނަ ދުވަހު އެވެ. ކުރިމަތިލާ މީހުންގެ މެދުގައި ގުރުން ނެގުން މި މަހުގެ 14 ވަނަ ދުވަހު ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

އިންތިހާބުގައި ވޯޓްލުމުގެ ފުރުސަތު ލިބޭނީ ފިލްމު އެސޯސިއޭޝަންގެ މެންބަރުންނަށެވެ. މެންބަރުންގެ ސައްހަ އަދަދު ކަށަވަރު ކުރުމަށް ފަހު ވޯޓްލެވޭ މީހުންގެ ލިސްޓް ނެރޭނެ ކަމަށްވެސް ސައީދު ބުންޏެވެ.

މި އިންތިހާބާ ބެހޭ މައުލޫމާތު ފިލްމު އެސޯސިއޭޝަންގެ އޮފިޝަލް ވައިބަރު ގުރޫޕުން ލިބޭނެ އެވެ.