މޯލްޑިވްސް ޕޮލިސް ސާވިސް

ފޭދޫ މަރުގެ ތަހުގީގަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި

Jul 1, 2022

އައްޑޫގައި މުހައްމަދު ޒަޔާން މޫސާ މަރާލި މައްސަލައިގައި ބަންދުކޮށްފައިވާ ކުޑަކުއްޖަކަށް ނުރަނގަޅު ނުފޫޒު ފޯރުވާތީއާއި ފުލުހުންގެ ތަހުގީގަށް ހުރަސް އަޅާ ކަމުގެ ތުހުމަތުގައި އައްޑޫން މީހަކު ހައްޔަރުކޮށްފި އެވެ.

ފޭދޫއަށް ނިސްބަތްވާ 21 އަހަރުގެ ޒަޔާން މަރާލީ މިދިޔަ މަހުގެ ދެވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މާރާމާރީ ހިންގުމަށްފަހު އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަރުގެ މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ކުޑަކުއްޖަކަށް ނުރަނގަޅު ނުފޫޒު ފޯރުވައި، ތަހުގީގަށް ހުރަސް އަޅައި، ފުލުހުންގެ ދައުރު އަދާކުރުމަށާއި މަސައްކަތްތަކަށް ދަތިކުރާތީ 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިމައްސަލައިގައި ފުލުހުންގެ ތަހުގީގަށް ހުރަސް އަޅައި ދަތިކުރާ އެހެން ބަޔަކުވެސް ތިބިކަން ފާހަގަކޮށް އެ މައްސަލަތައް ވެސް ބަލާނެ ކަމަށް ބަޔާނުގައިވެ އެވެ. ނަމަވެސް ފުލުހުންގެ މަސައްކަތަށް ބަޔަކު ދަތިކުރަން ކުރި ކަމެއް ބުނެފައެއް ނުވެ އެވެ.

ފޭދޫގައި ޒުވާނަކު މަރާލި މައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަ ދެ ކުދިން ހިމެނޭ ގޮތަށް ޖުމްލަ ހަތް މީހަކު ހައްޔަރުކޮށްފައިވެ އެވެ. ހައްޔަރުކޮށްފައި ތިބި އެހެން މީހުންނަކީ 18 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.

މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބައެއް މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު ބައެއް އެހެން މީހުންގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް ވަނީ އިތުރުކޮށްފަ އެވެ،

ފުލުހުން އިތުރަށް ބުނީ މިމައްސަލައިގެ ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ކުރިއެރުމާއި ލިބިފައިވާ ހެއްކާއި ގަރީނާއާ ގުޅޭގޮތުން ޕްރޮސެކިއުޓާ ޒެނެރަލްގެ އޮފީހާއިއެކު މަޝްވަރާކުރެވި ތަހުގީގު ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.