ބޮލީވުޑް

ރިތިކްގެ ތުނބުޅި ކެޓުރީނާއަށް ވަރަށް ކަމުގޮސްފި

ރިތިކް ރޯޝަން މިހާރު ކުޅެމުންދާ ބްރޭންޑެއްގެ އިޝްތިހާރަކަށް އޭނާ ވަނީ ތުނބުޅި ވަރަށް ދިގުކޮށްފަ އެވެ. އަދި ރިތިކްގެ ދިގު ތުނބުޅި ކެޓުރީނާ ކައިފް އަށް ވަރަށް ކަމުގޮސްގެން ފިރިމީހާ ވިކީ ކޯޝަލް ވެސް އެ ކަހަލަ ތުނބުޅިއެއް ބަހައްޓަން ވަނީ އެދިފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކެޓުރީނާ އޭނާގެ އިންސްޓަގްރާމު އެކައުންޓުން ޝެއާ ކުރި ޕޯސްޓެއްގައި ރިތިކްގެ ތުނބުޅި ބަހައްޓާފައި ހުރި ފޮޓޮއެއް ހިމެނެ އެވެ.

ރިތިކް އާއި ވިކީ ޓެގްކޮށްފައި ކެޓުރީނާ މި ފޮޓޯއާ އެކު ލިޔެފައިވާ ލިޔުމުގައި ރިތިކްގެ ތުނބުޅި ވަރަށް ކަމުގޮސްފި ކަމަށް ބުނެފައި ވެއެވެ.

އަދި ވިކީ ވެސް މިގޮތަށް ތުނބުޅި ބަހައްޓަން ކެޓުރީނާ އެދިފައި ވެއެވެ. ޖަވާބުގައި ވިކީ ބުނީ އެކަމާ ގުޅޭ ގޮތުން ދެ މީހުން ވާހަކަ ދައްކަން އެބަ ޖެހޭ ކަމަށެވެ.

ކެޓުރީނާ އާއި ރިތިކް އަކީ ވަރަށް ކުރިއްސުރެ ގާތް ދެ އެކުވެރިންނެވެ. ދެ މީހުން އެކުގައި "ޒިންދަގީ ނާ މިލޭގީ ދޯ ބާރާ" އާއި "ބޭންގް ބޭންގް" ކުޅެފައި ވެއެވެ.

ވިކީ މި ވަގުތު ހުރީ ފިލްމެއްގެ ލަވައެއްގެ ޝޫޓިންގަށް ކްރޮއޭޝިއާ ގައެވެ.