ބޮލީވުޑް

ރިތިކާއި ޓައިގާގެ ފިލްމުގެ ބަތަލާއަކީ ކާކު؟

Oct 2, 2017

ޔާޝް ރާޖް ފިލްމްސްގެ ބާނީ ޔާޝް ޗޯޕްރާގެ 85 ވަނަ އުފަން ދުވަހުގައި އެ ކުންފުނިން ދެން އުފައްދާ އެންމެ ބޮޑު ފިލްމު ވަނީ އިއުލާން ކޮށްފަ އެވެ.

މަޝްހޫރު އެކްޓަރު ރިތިކް ރޯޝަނާއެކު ހުނަރުވެރި ޒުވާން އެކްޓަރު ޓައިގާ ޝްރޮފް ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ އައިޑޮލް އަކާއި އޭނާގެ ބޮޑު ފޭނަކު އެކުގައި ފެނިގެންދާނެ ފިލްމެކެވެ.

ޓައިގާ ބޮލީވުޑަށް ނިކުތް ހިސާބުން ފެށިގެން އޭނާގެ އެންމެ ބޮޑު ފޭނަކީ ރިތިކެވެ. ރިތިކްގެ ޑާންސާއި އުކުޅުތައް އޭނާ ނުހަނު ފަސޭހަ ކަމާއެކު ކޮޕީކޮށްލަނީ ރިތިކަކީ އޭނާގެ އައިޑޮލްގެ ގޮތުގައި ސިފަކުރާ ފަރާތަކަށް ވާތީ އެވެ.

ރިތިކާއެކު ފިލްމެއް ކުޅެންލަން ޓައިގާ ދެކެމުން އައި ހުވަފެން މިވަނީ ހަގީގަތަކަށްވެފަ އެވެ. ޔާޝް ރާޖް ފިލްމްސްއިން އުފައްދާ މި ފިލްމު ޑައިރެކްޓް ކުރަނީ ސިދާތް އާނަންދެވެ. ސިދާތް ވަނީ ރިތިކް އާއި ކެޓްރީނާ ލީޑްރޯލުން ފެނިގެންދިޔަ "ބޭންގް ބޭންގް" ވެސް ޑައިރެކްޓްކޮށްފަ އެވެ. އަދި އޭނާ ދެން އެންމެ އަވަހަށް ޑައިރެކްޓްކުރަން ފަށާ ފިލްމަކީ ޓައިގާ ލީޑް ރޯލުން ފެންނަ ސިލްވެސްޓާ ސްޓެލޯންގެ "ރާމްބޯ" ރިމޭކެވެ.

މި ދެ ތަރިންނާއެކު މި ފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިޔަކު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނައިރު، މަޝްހޫރު ދެ ބަތަލާއެއްގެ ނަން ޝޯޓްލިސްކޮށްފައި ވެއެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ބަތަލާގެ ރޯލުގެ ރޭހުގައި ވާދަކުރަމުން އަންނަ ދެ ބަތަލާއިންނަކީ ކަރީނާ ކަޕޫރާއި ކެޓްރީނާ ކައިފް އެވެ. މި ދެ ތަރިންގެ ތެރެއިން ރިތިކާއި ޓައިގާ އާއެކު ފެނިގެންދާނެ ތަރިޔަކު އަދި ޔަގީނެއްނުވެ އެވެ. ކެޓްރީނާ މިހާރު އަންނަނީ ޝާހްރުކާއެކު ކުޅޭ ޑްވާފް ފިލްމުގެ މަންޒަރުުތައް ނަގަމުންނެވެ. އަދި ކަރީނާ އަންނަނީ ފުރަތަމަ ދަރިފުޅު ތައިމުރް ވިހެއިފަހުން ކުޅޭ ފުރަތަމަ ފިލްމު، "ވީރޭ ދި ވެޑިން" ގެ މަންޒަރުތައް ނަގަމުންނެވެ. އެ ފިިލްމުގެ އިތުރުން އިތުރު ފިލްމެއް ކުޅެން މި ދެ ތަރިން ސޮއިކޮށްފައިވާކަން ހާމަކޮށްފައެއް ނުވެ އެވެ.

ކަރީނާ އާއި ކެޓްރީނާ ވެސް ވަނީ ރިތިކާއެކު މީގެ ކުރިން ފިލްމު ކުޅެފަ އެވެ. ނަމަވެސް މި ދެ ބަތަލާއިންގެ ތެރެއިން އެއްވެސް ތަރިޔަކު ޓައިގާއާއެކު މިހާތަނަށް ފިލްމެއް ނުކުޅެ އެވެ.

އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ޝޫޓިން ފަށާ މި ފިލްމަކީ 11 އަހަރު ފަހުން ރިތިކް ކުޅޭ ޔާޝް ރާޖްގެ ދެވަނަ ފިލްމެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2006 ވަނަ އަހަރު ނިކުތް ކާމިޔާބު ފިލްމު "ދޫމް 2" ގަ އެވެ.

ޔާޝް ރާޖްސް އިން އުފައްދާ ފިލްމެއްގައި ޓައިގާ ފެނިގެންދާ މިއީ ފުރަތަމަ ފިލްމެވެ. މި ފިލްމު ރިލީޒް ކުރަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހު އެވެ.

މިހާރު ވެސް ޔާޝް ރާޖްސްއިން އަންނަނީ ބޮޑެތި ފިލްމުތަކެއް އުފައްދަމުންނެވެ. އެ ފިލްމު ތަކަކީ ސަލްމާން ޚާނާއި ކެޓުރީނާ ކައިފްގެ "ޓައިގާ ޒިންދާ ހޭ" އާއި ރާނީ މުކަރުޖީގެ "ހިޗްކީ"، ވަރުން ދަވަން އާއި އަނުޝްކާ ޝަރުމާގެ "ސުއި ދާގާ"، އާމިރު ޚާނާއި އަމީތާބު ބައްޗަންގެ "ތަގްސް އޮފް ހިންދުސްތާން"، ޕަރިނީތީ ޗޯޕްރާ އާއި އަރްޖުން ކަޕޫރުގެ "ސަންދީޕް އައުރް ޕިންކީ ފަރާރް" އެވެ.