އުމަރު ނަސީރު

ސަރުކާރު ފެންނަނީ ކުޅިބަލާ މީހެއްގެ ސިފައިގައި: އުމަރު

ލިވާތު ކުރުމަކީ -- އެއް ޖިންސުން ގުޅުން ހިންގުމަކީ -- ބޮޑުކަމެއް ނޫން ކަމަށް ދައްކާ ރާއްޖޭގައި އެލްޖީބީޓީ ފެތުރުމަށް އެތައް މަސައްކަތް ތަކެއް ކުރެވެމުންދާއިރު ސަރުކާރު ފެންނަނީ ކުޅިބަލާ މީހެއްގެ ސިފައިގައި ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ފާޑުވިދާޅުވުން ސަރުކާރަށް އަމާޒުވެއްޖެ އެވެ.

އުމަރު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަަނީ ލިވާތު ކުރުމަކީ ބޮޑުކަމެއް ނޫން ކަމަށް ދައްކާ ރާއްޖޭގައި އެލްޖީބީޓީ ފެތުރުމަށް މަސައްކަތް ތަކެއް ކުރެވެމުންދާ ކަމަށެވެ. މި މަސައްކަތުގައި ރާއްޖޭގައި އޮފީސް ގާއިމް ކޮށްގެން ތިބެ މަސައްކަތް ކުރާ ބައިނަލް އަގްވާމީ ޖަމާއަތްތަކާ ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގްވާމީ ޖަމާއަތްތަކުންވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށް ތުހުމަތު ކުރެއްވިއެވެ.

"ކޮންމެ ގައުމެއްގައި ވެސް އެ ގައުމަކުން ގަބޫލުކުރާ ދީނީ އަދި އަހްލާގީ މިންގަޑުތަކެއް ހުންނާނެ. އެ މިންގަޑުތައް ދިފާއުކޮށް އެ މިންގަޑުތައް ދެމެހެއްޓުމަކީ އެ ގައުމަކުން ކުރަން ޖެހޭނެ ކަމެއް،"

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށްވެސް އިއުލާނު ކުރައްވާފައިވާ އުމަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ގާއިމް ކޮށްފަ ހުންނަ އޮފީހަކުން ނުވަތަ އެ އޮފީހުގައި ހުންނަ މީހަކުވެސް އެފަދަ ކަމަކަށް ހިތްވަރު ދީފިނަމަ އެ އޮފީހެއް ބަންދު ކުރަން ޖެހޭނެ އެވެ. ނުވަތަ އެ މީހަކު ފޮނުވާލަން ޖެހޭނެ އެވެ.

އަދި ދިވެހިންގެ ތެރެއިން ބަޔަކު އެފަދަ އަމަލެއް ކޮށްފިނަމަ ހައްޔަރު ކޮށް ފަޑިޔާރެއްގެ ކުރި މައްޗަށް ގެންނަން ވާނެ ކަމަށް ވިދާޅުވިއެވެ.

"އެއީ އެކަން ކުރީ 'ޝާހީ' އާއިލާ އަކުން ވިޔަސް މެ،"

އުމަރު ވިދާޅުވީ ދިވެހިންގެ ތެރޭގައި ފާހިޝް އަމަލުތައް ބޮޑުވުމުގެ ސަބަބުން ބަލިތައް ފެތުރުމާއި ރޭޕް ގިނަވުމާއި ހަށިވިއްކުމާއި ކުޑަކުދިންނާ މެދު ބަދު އަހްލާގީ އަމަލު ހިންގުން ފަދަ ކަންކަން އާންމު ވަމުންދާ ކަމަށެވެ. އަދި މި ހުރިހާ ކަމެއް ފެންނަމުންދާއިރު ސަރުކާރު ފެންނަނީ ކުޅިބަލާ މީހެއްގެ ސިފައިގައި ކަަމަށް އުމަރު ވިދާޅުވިއެވެ.

ދިވެހިންގެ ތެރޭގައި ފާހިޝް އަމަލުތައް ބޮޑުވުމުގެ ސަބަބުން ބަލިތައް ފެތުރުމާއި ރޭޕް ގިނަވުމާއި ހަށިވިއްކުމާއި ކުޑަކުދިންނާ މެދު ބަދު އަހްލާގީ އަމަލު ހިންގުން ފަދަ ކަންކަން މި ދަނީ އާންމު ވަމުން. މި ހުރިހާ ކަމެއް ފެންނަމުންދާއިރު ސަރުކާރު ފެންނަނީ ކުޅިބަލާ މީހެއްގެ ސިފައިގައި
އުމަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު

ލިވާތު ކުރުމަކީ -- އެއް ޖިންސުން ގުޅުން ހިންގުމަކީ -- ބޮޑުކަމެއް ނޫން ކަމަށް ދައްކާ ރާއްޖޭގައި އެލްޖީބީޓީ ފެތުރުމަށް އެތައް މަސައްކަތް ތަކެއް ކުރަމުންދާ ކަަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވިއިރު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ދަނީ އާންމުވަމުންނެވެ.

މީގެ ހަފްތާއެއްގެ ކުރީން އެ ވީޑިއޯތައް އާންމު ކުރަން ފެށިއިރު ފުރަތަމަ އާންމުކުރީ ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހަކާއި ބަންގްލަދޭޝްގެ ފިރިހެނަކު ގުޅުން ހިންގަނިކޮށެވެ. ބާރަ މިނެޓްގެ ދިގު އެ ވީޑިއޯގައި ފެންނަނީ އޭނާ ނޫން ކަމަށް ނާޒިމް ފުރަތަމަ ވިދާޅުވި ނަމަވެސް އެ މައްސަލަ ފުލުހުން ބަލަން ފެށުމުން ނާޒިމް ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ޑީއެކްޓިވޭޓް ކޮށްފައެވެ. އަދި އޭނާ ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައިވެއެވެ.

ވީޑިއޯ އިން ފެންނަ ކަމަށް ބުނާ ބަންގާޅު މީހާވެސް މިހާރު ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ. ނަމަވެސް ތުހުމަތުވާ މީހުން ހައްޔަރު ކުރަން ފުލުހުން ފަސް ޖެހޭ ކަމަށް އާންމުންގެ ގިނަ ބަޔަކު ދެކެއެވެ. އަދި އެ މައްސަލައަށް ނުފޫޒު ގަދަ ބާރެއް ވަދެފައިވާ ކަމަށް ދެކެއެވެ.