ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"މަސްޖިދު ރަޝީދު" ހުޅުވައިފި

Jul 2, 2022

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ "މަސްޖިދު ރަޝީދު" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހުޅުއްވައި ދެއްވައިފި އެވެ.

އެމަނިކުފާނު މި މިސްކިތް ހުޅުއްވައިދެއްވާފައި ވަނީ މިރޭ މިކަމަށްޓަކައި މިސްކިތް ކައިރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. "މަސްޖިދު ރަޝީދު" އަކީ މަޝްހޫރު ވިޔަފާރިވެރިޔާ މަރްހޫމް އަބްދުއްރަޝީދުގެ ހަނދާނުގައި ބިނާކޮށްފައިވާ މިސްކިތެކެވެ.

މި މިސްކިތަކީ 1200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތަކީ އަންހެނުންނަށް ވެސް ވަކިން ނަމާދުކުރޭ ގޮތަށް އިންތިޒާމު ހަމަޖައްސާފައިވާ މިސްކިތެކެވެ.

މިސްކިތް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްކިތް ބައްލަވާލައްވާފަ އެވެ. އެއަށްފަހު އެމަނިކުފާނު ވަނީ މި މިސްކިތުގައި ކުރެވުނު މިރޭގެ އިޝާ ނަމާދުގެ ޖަމާއަތުގައި ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.

މި މިސްކިތް ބިނާކޮށްފައި ވަނީ މިސްކިތް އެ ބޭފުޅަކަށް ނިސްބަތްވާ އަލްމަރުހޫމް އަބްދުއްރަޝީދުގެ ކުންފުނި -- ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އިންނެވެ.

ޖޫން 16، 2020 ގައި ބިންގާ އެޅި މިސްކިތްތަކީ އާރްސީސީގެ ބާނީ އަދި ކުރީގެ ޗެއާމަން، މަރުހޫމް އަބްދުއްރަޝީދުގެ ހަނދާނުގައި އިމާރާތް ކުރާ މިސްކިތެކެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް މިސްކިތުގެ މަސައްކަތް ކުރިއަށް ދަނިކޮށް ރަޝީދު ވަނީ އަވަހާރަވެފަ އެވެ. މިސްކިތެއް ބިނާ ކުރެއްވުމަކީ ރަޝީދުގެ ވަރަށް ބޮޑު އުއްމީދެކެވެ.

މިސްކިތް ހުޅުވުމަށް މިރޭ ބޭއްވެވި ރަސްމިއްޔާތުގައި އާރްސީސީގެ ފަރާތުން ވަނީ މި މިސްކިތުގެ މޮޑެލްއެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފަ އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވި އެވެ.

އާރްސީސީގެ މިސްކިތް މިރޭ ހުޅުވުމާ އެކު އެ ސަރަހައްދުގައި ކުރިން ހުރި ވަގުތީ މިސްކިތް "މަސްޖިދުލް ފިތުޔާ" ވަނީ މިރޭ މަޣުރިބު ނަމާދަށް ފަހު ބަންދުކޮށްފަ އެވެ.