މިއަދު އޮތް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަންގައި އެމްޑީޕީން ތިން ގޮނޑި ކާމިޔާބު ކުރިިއިރު ޕީޕީއެމްއަށް އެއްވެސް ގޮނޑިއެއް ނުލިބުނެވެ. މިއަދު އޮތީ ށ. ޅައިމަގާއި ށ. ކޮމަންޑޫ އާއި ކ. ތުލުސްދޫ އަދި އއ. ތޮއްޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ހުސްވެފައިވާ މެންބަރު ކަމަށް މެންބަރުން އިންތިހާބު ކުރުމެވެ.
ކޮންމެ ގޮނޑިއަކަށްވެސް އެމްޑީޕީ އާއި ޕީޕީއެމުން ވަނީ ކެންޑިޑޭޓުން ނެރެފައެވެ.
ޅައިމަގު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި ވާދަކުރީ އެމްޑީޕީގެ ފަރާތުން މަރިޔަމް ޒުހުރާ އެވެ. ޕީޕީއެމްގެ ފަރާތުން މަރިޔަމް އަބްދުﷲ އެވެ. ޒުހުރާ އިންތިހާބު ކާމިޔާބު ކުރީ 152 ވޯޓުންނެވެ. މަރިޔަމް އަށް ލިބުނީ 88 ވޯޓެވެ.
ތޮއްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި ވާދަކުރީ އެމްޑީޕީގެ ފަރާތުން އައިމިނަތު މަޖުދާ އެވެ. ޕީޕީއެމްގެ ފަރާތުން އައިމިނަތު އަރީފާ އެވެ. މަޖުދޫ އިންތިހާބު ކާމިޔާބު ކުރީ 315 ވޯޓުންނެވެ. ޕީޕީއެމްގެ އަރީފާއަށް ލިބިފައިވަނީ 247 ވޯޓެވެ.
ކޮމަންޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި ފަސް ކެންޑިޑޭޓުން ވާދަކުރި އެވެ. އެ ކޮމެޓީގެ ދެ ގޮނޑިއެއް ވަނީ ހުސްވެފައެވެ. އިންތިހާބުން ކުރި ހޯދީ އެމްއެންޕީގެ ކެންޑިޑޭޓް ޒައީމާ އާދަމް އާއި އެމްޑީޕީގެ ކެންޑިޑޭޓް އާއިޝަތު ވަހީދާ އެވެ. ޒައީމާއަށް 334 ވޯޓެވެ. ވަހީދާއަށް 288 ވޯޓެވެ.
ޕީޕީއެމްގެ ކެންޑިޑޭޓް އާއިޝަތު ރަޝީދާ ވަނީ 223 ވޯޓް ހޯދާފައެވެ. ޕީޕީއެމުން ނެރުނު ދެވަނަ ކެންޑިޑޭޓް މަރިޔަމް އުއްމިއްޔާއަށް 274 ވޯޓް ލިބުނު އިރު އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ނަބާހާއަށް ލިބުނީ 200 ވޯޓެވެ.
ތުލުސްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި ހަތަރު ކެންޑިޑޭޓުން ވާދަކުރިއެވެ. އެއީ ޕީޕީއެމުން ފާތިމަތު ނަދާ އެވެ. އެމްއާރްއެމް އިން ސަލީމާ އަބްދުލް ލަތީފެވެ. އެމްޑީޕީން މަރިޔަމް ނަހުޒާ އެވެ. އަމިއްލަ ގޮތުން އާއިޝަތު ރަޝާދު އެވެ. އިންތިހާބު ކާމިޔާބު ކުރީ އަމިއްލަ ގޮތުން ވާދަކުރި އާއިޝަތު ރަޝާދެވެ. އޭނާ ވަނީ 300 ވޯޓް ހޯދާފައެވެ. ނަދާއަށް 225 ވޯޓް ލިބިފައިވާއިރު ސަލީމާއަށް ލިބުނީ 54 ވޯޓެވެ. އަދި ނަހުޒާއަށް 46 ވޯޓެވެ.