ކ. އަތޮޅު ކޮށްދިއްޕަރު ފިނޮޅު ހިއްކައިގެން ހަދާފައިވާ ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓު އެންޑް ސްޕާ ހުޅުވައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން ތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ ހިލްޓަން ހޮޓެލްސް އެންޑް ރިސޯޓު ގުރޫޕްގެ ހަތަރުވަނަ ރިސޯޓު ހުޅުވީ އިއްޔެގަ އެވެ. އެ ރިސޯޓަށް އިއްޔެ ޒިޔާރަތް ކުރި ފަތުރުވެރިންނަށް ރިސޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި -- އަމިން ކޮންސްޓްރަކްޝަނުން ތަރައްގީކުރި މިރަށުގައި ހިލްޓަން އިން ހުޅުވާފައިވަނީ މޫދު ވިލާތައް ހިމެނޭ ގޮތަށް 109 ކޮޓަރީގެ ރިސޯޓެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗެއްގައި ފުރައިގެން 15 މިނެޓުން ދެވޭހާ ދުރުމިނުގައި އޮންނަ މި ރިސޯޓުގެ ކޮޓަރިތައް ހަދާފައިވަނީ ޕްރައިވެޓު ޕޫލް ހިމެނޭ ގޮތަށެވެ.
ތަފާތު އެކި ގައުމުތަކުގެ ކެއުންތައް ލިބޭ ހަ ރެސްޓޯރަންޓް ހިމެނޭ މި ރިސޯޓުން އެންމެ އަގުހެޔޮކޮށް ވެސް ރޫމެއް ލިބެނީ ރެއަކަށް 793 ޑޮލަރަށެވެ.
ހިލްޓަން ގުރޫޕުން ރާއްޖޭގައި ހިންގާ އެހެން ރިސޯޓްތަކަކީ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް، ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި އަދި ސާއި ލެގޫން މޯލްޑިވްސް ކޫރިއޯ ކަލެކްޝަން ބައި ހިލްޓަން އެވެ.