ސްރީލަންކާގެ ސަންކެން އޯވަސީސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ގދ. އަތޮޅުގައި ހަދާ ހަވޮއްޑާ އަމާރީ ރިސޯޓް މިމަހުގެ 14 ވަނަ ދުވަހު ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ހަވޮއްޑާ އަމާރީ ރިސޯޓަކީ ސަންކެން އޯވަސީސްއިން ބޭރު ގައުމެއްގައި ހިންގާ އެންމެ ފުރަތަމަ ރިސޯޓް މަޝްރޫއެވެ. އެ ރިސޯޓް އެޅުމަށް އެ ކުންފުނިން 50 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. 58 ވޯޓާ ވިލާއާއި 60 ބީޗް ވިލާ ހިމަނައިގެން ބިނާކޮށްފައިވާ އެ ރިސޯޓް ވެފައިވަނީ ރާއްޖޭގައި މިހާތަނަށް އެންމެ ކުރު މުއްދަތެއްގެ ތެރޭ ތަރައްގީކސް ނިންމި ރިސޯޓަށެވެ. އެ ރިސޯޓް ތަރައްގީ ކުރަން ހޭދަވީ އެއް އަހަރެވެ.
ސަންކެން އޯވަސީސްގެ ޗީފް އެކްޒެކެޓިވް އޮފިސާ ބީ.ބީ ކަލުޕްނާ ވިދާޅުވީ، އެކުންފުނިން ރާއްޖޭގައި އިތުރު ރިސޯޓެއް ވެސް ހަދަން ބޭނުން ކަމަށާއި ރަށެއް ހޯދަން މިހާރު މަސައްކަތް ކުރާއިރު ދެން ތަރައްގީ ކުރާ ރިސޯޓަކީވެސް ފެންވަރު ރަނގަޅު 100 ޕްލަސް ރިސޯޓަކަށް ހަދާނެ ކަމަށެވެ.
"މިހާރު ތަރައްގީކޮށްފައިވާ ރަށްވެސް ރާއްޖެއިން ދޫކޮށްފައިވަނީ 50 އަހަރުގެ މުއްދަތަށް، އަޅުގަނޑުމެން މި އުންމީދު ކުރަނީ ހަވޮއްޑާއިން ރޫމެއް 600 ޑޮލަރަށް މާކެޓް ކުރެވޭނެ ކަމަށް،" ކަލުޕްނާ ވިދާޅުވި އެވެ.
ސަންކެން އޯވަސީސް އިން ބުނީ ރިސޯޓް ޕްރޮޖެކްޓްގެ އިތުރަށް މާލޭގައި ބިޒްނަސް ހޮޓަލެއް އެޅުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. ބިޒްނަސް ހޮޓަލެއް އެޅުމަށް މާލެއިން ބިމެއް މިހާރު ހޯދާފައިވާއިރު، 88 ރޫމުގެ އެ ހޮޓާ އެޅުމުގެ މަސައްކަތް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. އެ ހޮޓެލް އެޅުމަށްވެސް 50 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ހޮޓެލްގެ ކޮންސްޓްރަކްޝަން މަސައްކަތަށް ސްރީލަންކާއިން 700 މީހުން މިހާރު ހޯދާފައިވާ ކަމަށް ވެސް ކުންފުނިން ބުނެފައިވެ އެވެ.
ރާއްޖޭގައި ހިންގާ މްޝްރޫއުތަކުގެ އިތުރަށް ސަންކެން އޯވަސީސްއިން ދަނީ ޖަރުމަން، ރަޝިއާ، ތުރުކީ އަދި މޮރިޝަސްގައިވެސް 400 ރޫމުގެ ރިސޯޓްތަކެއް ބިނާކުރަމުންނެވެ.