އެމްއޭސީއެލް

ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެދިއްޖެ

Jul 2, 2022

ފުރަން ހަމަޖައްސާފައިވާ ވަގުތުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފި އެވެ.

އެމްއޭސީއެލް އިން މިގޮތަށް އިލްތިމާސް ކޮށްފައި މިވަނީ މި ދުވަސްވަރު އެކި ބޭނުންތަކުގައި ފުރާ މީހުން ގިނަވެ ހިދުމަތްތަކަށް ބާރު ބޮޑުވެފައި ވަނިކޮށެވެ.

މިދުވަސްވަރަކީ ހައްޖަށް މީހުން ފުރާ ދުވަސްވަރެވެ. އަދި މިއީ ސްކޫލުތަކުގެ ބޮޑު ޗުއްޓީއާއި އީދު ބަންދުގެ ދުވަސްތައް ވެސް ފެށޭ ދުވަސް ވަރެވެ.

އެމްއޭސީއެލް އިން ބުނީ މިދުވަސްވަރު އެއާޕޯޓުން ފުރާ މީހުން ގިނަވެ ޗެކިން ކިއުތަކުގައި ގިނައިރު މަޑުކުރަން ޖެހިދާނެ ކަމަށެވެ. އަދި ބައެއް ފްލައިޓްތައް ފުރުން ކޮންމެވެސް ވަރަކަށް ލަސްވެސް ވެދާނެ ކަމަށެވެ. އެހެންވެ ފުރަން ހަމަޖެހިފައިވާ ވަގުތުގެ ތިން ގަޑިއިރު ކުރިއަށް އެއާޕޯޓަށް ގޮސް ޗެކިން ނިންމުމަށް އެމްއޭސީއެލް އިން އިލްތިމާސް ކުރެ އެވެ.

ރާއްޖޭގައި މިދުވަސްވަރު އަނެއްކާވެސް ކޮވިޑް 19ގެ ކޭސްތައް އިތުރުވެފައިވާތީ ފުރާ މީހުން އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރުމަށާއި ވަކިން ހާއްސަކޮށް މާސްކް އެޅުމަށް އެމްއޭސީއެލް އިން ވަނީ އެދިފަ އެވެ.