ލައިފްސްޓައިލް

ގޭގައި ހުރެގެން މައިންބަފައިންގެ ފައިސާ ހޭދަކުރާ އަންހެނެއް

ވަރަށް ބައިވަރު ފައިސާ ލިބި އެ ފައިސާ ދުނިޔޭގެ އުފަލާއި އަރާމާއި މަޖަލަށް ޚަރަދުކުރަން ވަރަށް ގިނަ މީހުން ބޭނުން ވާނެ އެވެ.

އެމެރިކާގެ ނިއު ޔޯކްގައި ދިރިއުޅޭ މި އަންހެންމީހާ އަކީ ވެސް މިފަދަ މީހެކެވެ. އަދި އޭނާއަށް ހިތު ހުރި ވަރަކަށް ފައިސާ ޚަރަދު ކުރެވެން ވެސް އެބައޮތެވެ. މައިންބަފައިންނަކީ މުއްސަނދި ބަޔަކަށް ވާތީ އެވެ. އޭނާ ބުނާ ގޮތުގައި އޭނާގެ ވަޒީފާއަކީ އަގުބޮޑު އެއްޗެތި ގަނެ މައިންބަފައިންގެ ފައިސާ ވަޔަށް ބުރުއްސުން ކަމަށް ނިއު ޔޯކް ޕޯސްޓްގައިވާ މި ޚަބަރުގައި ބުނެފައި ވެއެވެ.

ރޯމާ އަބްދުއްސަލާމް ބުނާ ގޮތުގައި އޭނާ އަކީ މަސައްކަތަށް ނުގޮސް ގޭގައި ހުންނަ އަންހެން ދަރިއެކެވެ. އެހެންވެ ދުވާލަކު ގާތްގަނޑަކަށް 50،000 ޑޮލަރު އޭނާ ބާޒާރުކޮށްލަންވެސް ޚަރަދުކޮށްލަ އެވެ.

ރޯމާ ގެންދަނީ އޭނާ ގަންނަ އަގުބޮޑު ސާމާނުތައް ދައްކައި އޭނާގެ މުއްސަނދި ދިރިއުޅުން ސޯޝަލް މީޑިއާގައި އޭނާ ފޮލޯކުރާ އެތައް ހާސް މީހުންނަށް ކޮންމެ ދުވަހަކުވެސް ދައްކަމުންނެވެ. އަދި މަޝްހޫރު ބްރޭންޑްތަކުގެ ތަކެތި ގަނެފައި ހުންނަ ބިލްތައް ވެސް އޭނާ ޝެއާ ކުރަމުން ގެންދެ އެވެ.

"އަހަރެންގެ މައިންބަފައިން ބޭނުންވަނީ މަސައްކަތެއް ނުކޮށް އަހަރެން ގޭގައި ހުންނަން. އެހެންވެ އަހަރެންގެ މަސައްކަތަކަށް މިހާރު ވަނީ މައިންބަފައިންގެ ފައިސާތައް ޚަރަދުކުރުން. މިއީ ވަރަށް މަޖާ އަދި ހިތްހަމަޖެހޭ ކަމެއް،" ރޯމާ ބުންޏެވެ.

އަގުބޮޑު ހެދުމާއި ޑިޒައިނާ އައިޓަމްތައް ގަތުމުގެ އިތުރުން މީރު އަގުބޮޑު ކެއުންތައް ކާން ރެސްޓޯރަންޓްތަކަށް ދިއުމާއި މޭކަޕް ކުރަން ބިއުޓީ ޕާލާތަކަށް ދިއުން ފަދަ ކަންތައްތަކުގައި ރޯމާ ދުވާލު ހަތަރުދަމު އުޅޭކަމަށް އޭނާ ބުންޏެވެ.

ކޮރޯނާވައިރަސް ޕެންޑެމިކްގެ ކުރިން ރޯމާ އަމިއްލައަށް ސްކިންކެއާ ޕްރޮޑަކްޓްތަކެއް އުފައްދައި މާކެޓްކުރުމުގެ މަސައްކަތް ފެށި އެވެ. ނަމަވެސް ބިޒިނަސް ޕްލޭނެއް ނެތި އެކަން ކުރުމުގެ ނަތީޖާއެއްގެ ގޮތުން ދެ އަހަރު ތެރޭ އެ ވިޔަފާރި ބަނގުރޫޓް ވެއްޖެ އެވެ. އެހެންވެ މިހާރު އޭނާ އިތުރަށް އާމްދަނީ ހޯދަން މަސައްކަތެއް ކުރާކަށް ބޭނުމެއް ނުވެ އެވެ.

"ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން އަހަރެން ދަނީ 600 ޑޮލަރު ދީފައި ބައިވެރިވާ ވޯކްއައުޓް ކްލާހަކަށް. ދެން ދަނީ އެކުވެރިންނާއެކު ބާޒާރުކުރަން. އެއީ ވަޒީފާ އަދާނުކުރާ އަހަރެން ކޮންމެ ދުވަހަކު ކުރާ ކަންކަމަކީ،" ރޯމާ ބުންޏެވެ.

ރޯމާ ލަނީ އަގުބޮޑު ޑިޒައިންގެ ހެދުން ނަމަވެސް އެއްވެސް ހެދުމެއް އެއް ފަހަރު ނުވަތަ ދެ ފަހަރު ނޫނީ އޭނާ ނުލަ އެވެ. ނަމަވެސް ހެދުންތައް ގޭގައި އެއްކޮށްފައި ބެހެއްޓުމަކީ ވެސް އޭނާ ބޭނުންވާ ގޮތަކަށް ނުވާތީ ގިނަ ވެގެން ދެ ފަހަރު ލާފައި އެ ހެދުމެއް ކޮންމެވެސް މީހަކަށް ދެނީ އެވެ.

ރޯމާގެ ޚަރަދު ބޮޑުކަމުން އޭނާގެ މައިންބަފައިން އޭނާއަށް ފައިސާ ދިނުން ދުވަސްކޮޅަކަށް ހުއްޓާލިކަމަށް ވެސް ރޯމާ ބުންޏެވެ. ނަމަވެސް މިހާރު އަނެއްކާވެސް ފައިސާ ދޭން ފެށުމުން ކުރިން އުޅުނު ގޮތަށް ބާޒާރު ކުރުމުގައި އުޅެމުންދާ ކަމަށް އޭނާ ބުންޏެވެ.

ޓިކްޓޮކްގައި ރޯމާ ގެންދަނީ އޭނާ ގަންނަ އަގުބޮޑު ދަބަސްތަކާއި ހެދުންތައް އަދި ސެންޓާއި ކޮސްމެޓިކްސްގެ ބާވަތްތަކާއި ފައިވާން ފަދަ ތަކެތި މީހުންނަށް ދައްކައި އެ ތަކެތީގެ އަގުބޮޑު ވާހަކަތައް ކިޔައިދެމުންނެވެ.