ދުނިޔެ

އީރާނުން ތިން ބިލިއަން ޑޮލަރުގެ މުދާ ރަޝިއާއަށް

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ އުދުވާނީ ހަމަލާތައް ކުށްވެރި ކުރުމުގައި އީރާނުން ހުޅަނގަށް ވާގިވެރިއެއް ނުވެ އެވެ. އޭގެ ބަދަލުގައި ފެންނަނީ ރަޝިއާ އެކު ދުޅަހެޔޮ ގުޅުމުއް ދަމަހައްޓާ ތަނެވެ.

ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކުން ރަޝިއާއަށް ދަތިކުރުމުގެ ގޮތުން ވިޔަފާރިކުރުން ހުއްޓާލާފައި އޮތްއިރު އީރާނާއި ޗައިނާ އަދި އިންޑިއާ އިން ރަޝިއާ އެކު ތަނަވަސް މާހައުލެއްގައި ދަނީ ވިޔަފާރި ކުރަމުންނެވެ.

އީރާން ފޮރިން މިނިސްޓަރުގެ ނާއިބު މަހުދީ ސަފާރީ ވިދާޅުވި ގޮތުގައި އީރާން އޮތީ ރަޝިއާއަށް ބޭނުން ޖެހިގެން ކަމަކު ކިޔައިފިނަމަ ފުއްދައިދޭ ގޮތަށެވެ.

މަހުދީ ވިދާޅުވި ގޮތުގައި އީރާނުން ތިން ބިލިއަން ޑޮލަރުގެ ގެދޮރުއަޅަން ބޭނުންވާ ސާމާނު ރަޝިއާއަށް ފޮނުވާެނެ އެވެ. އޭނާ އަދި ވިދާޅުވި ގޮތުގައި ތަކެތި ފޮނުވަން ކުރަން ޖެހޭ ހުރިހާ ކަމެއް ހުރީ ނިމިފަ އެވެ.

އީރާންގެ ރައީސް، އިބްރާހީމް ރައީސީ ކުރިން ވިދާޅުވި ގޮތުގައި ރަޝިއާ އެކު ގުޅުން ބަދަހިކޮށް ވިޔަފާރީގެ ފުރުސަތުތައް އާންމުކޮށް ހުޅުވާލުމަށް އީރާން އޮތީ ތައްޔާރަށެވެ. އަދި އެގޮތުގައި ކުރެވޭ ވިޔަފާރި އަކީ ހުޅަނގުގެ މާލީ ނިޒާމަށް ކުޑަކޮށް ވެސް ބަރޯސާ ނުކޮށް ކުރެވޭ މުއާމަލާތް ތަކަކަށް ހައްދަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރަޝިއާ، ޗައިނާ، އިންޑިއާ، އީރާން އަދި މެދުއިރުމަތީ ބައެއް ގައުމުތައް ގުޅިގެން ވަކި ނިޒާމަކުން މާލީ މުއާމަލާތްތައް ކުރުމަށް ވަނީ ގޮތެއް ނިންމާފަ އެވެ.

އެމެރިކާ އާއި ބައިވެރިން ރަޝިއާއަށް ދަތިކުރަން ދުނިޔޭގެ މާލީ ނިޒާމުން ރަޝިއާ ބޭރުކުރި ނަމަވެސް ދިގު މުއްދަތުގައި ވާނީ ފައިދާ ކަމަށް ރަޝިއާ އޮތީ ބުނެފަ އެވެ.

ޗައިނާ އަދި އިންޑިއާ އިން ވެސް އޮތީ ރަޝިއާއަށް އެއްބާރުލުން ދޭ ގޮތަށެވެ. ހުޅަނގުން ކިތަންމެ ވަރަށް ބުނި ނަމަވެސް ޗައިނާ އަދި އިންޑިއާއިން ރަޝިއާއާ ގުޅުން ކަނޑައި ނުލާނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.