ޔޫރަޕާ ގުޅުމަކީ ޔުކްރޭނަށް މިއަދުން މިއަދަށް ވެސް ކުރެވެން އޮތް ކަމެއް ނަމަ އެކަން އެގޮތަށް ކުރަން ޔުކްރޭން އޮތީ ތައްޔާރަށެވެ. ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ކިތަންމެ ފަހަރަކު މި މޭރުމުން ބަސްވިދާޅުވެ ވަނީ ހުޅަނގަށް އާދޭސް ދަންނަވާފަ އެވެ.
ޔުކްރޭންގައި ޔޫރަޕްގެ ސިފައްތައް ޖައްސައި މެމްބަރުކަން ދިނުމަކީ ހުޅަނގުން ޖެހިލުންވާ ކަމެކެވެ. ޔުކްރޭނަށް ކޮށްދެވޭ ކަމެއްގެ ސަބަބުން ހުޅަނގާ މެދު ރަޝިއާގެ އަމަލުތައް ވަކި ގޮތަކަށް ބައްޓަން ކުރުމަކީ ބިރުވެރި ކަމެއް ގޮތުގައި ޔޫރަޕުން ދެކެވެ.
ޔުކްރޭންގެ ނާއިބު ރައީސް އޮލްގާ ސްޓެފަނިޝީނާ ވިދާޅުވި ގޮތުގައި ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުކަން ހޯދުމަށް ޔުކްރޭނުން ކުރާ މަސައްކަތްތައް ހުއްޓައި ނުލައްވާނެ އެވެ. އޭނާ އަދި ވިދާޅުވީ އުއްމީދަކީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެ ޝަރަފު ލިބިގަތުން ކަމަށެވެ.
ނާއިބު ރައީސް ވިދާޅުވި ގޮތުގައި ޔޫރަޕް މެމްބަރުކަން ހޯދަން ޔުކްރޭންގެ ގާނޫނަށް ބަދަލު ގެންނަން ޖެހުނު ނަމަވެސް ހާލަތު އޮތީ އެކަމަށް ރުހިފަ އެވެ. އަދި ގާނޫން މިހާރު ވެސް އޮތީ އެކަމަށް މަގު ދައްކާ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
ހުޅަނގުން ބުނާ ގޮތުން ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ކަމަށް އެދޭ ގައުމުތަކުގައި ޝަރުތުތަކެއް ހުންނަން ޖެހެ އެވެ. އަދި މެމްބަރުކަން ދިނުމުގެ ކުރިން ޝަރުތު ފުރިހަމަވޭތޯ ވެސް ބަލާނެ އެވެ.
ޔުކްރޭން އަކީ މިހާރު ވެސް ޔޫރަޕިއަން ޔޫނިއަންގައި ބައިވެރިވުމަށް ކެންޑިޑޭޓެކެވެ. އެހެންނަމަވެސް ހުރި ގޮންޖެހުންތަކާ ހެދި މަރުހަލާތައް އަވަސް ކުރެވެން ނެތް ކަމަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑާ ލޭޔަން ވަނީ ވިދާޅުވެފަ އެވެ.
ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުކަން ހޯދަން ޔުކްރޭން އެހާވަރަކަށް މިއުޅެނީ ރަޝިއާގެ ކިބައިން ސަލާމަތްވުމަށެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް މިހާރު ހަމަލާތައް ދޭ ގޮތަށް އެއިރުން ހަމަލާ ނުދެވޭނެ ކަމަށް ޔުކްރޭނުން ބުނެ އެވެ. އަދި ޔުކްރޭނަށް ހާލަތު ޖެހިއްޖެނަމަ ޔޫރަޕްގެ މެމްބަރު ގައުމުތަކުން ފާރަވެރިވެ އަމަލީ ގޮތުން ބައިވެރިވާނެ އެވެ.