ދިޕިކާ ޕަދުކޯން

ވިން ޑީސެލްގެ "ޓްރިޕްލް އެކްސް"ގެ ޝޫޓިން ފެބްރުއަރީގައި ދިޕިކާ ފަށަނީ

Jan 6, 2016

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަދުކޯން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ހޮލީވުޑްގެ މަޝްހޫރު ތަރި ވިން ޑީސެލްއާއެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

ކެމެރާއަށް ފުރަގަސްދީގެން އިންނަ ވިން ޑީސެލްގެ ގައިގައި ދިޕިކާ ބައްދައިގެން އެފޮޓޯއިން ހުންނައިރު ފޮޓޯގެ ފަހަތުން "ޓްރިޕްލް އެކްސް"ގެ ޕޯސްޓަރެއް ފެންނަން ހުރެ އެވެ. މިފޮޓޯ ދިޕިކާ ނިމުނު ޑިސެމްބަރު މަހުގެ ތެރޭގައި އާންމުކޮށްފައިވަނީ އެމެރިކާގައި ވިން ޑީސެލްއާ ބއްދަލުކުރުމަށް ފަހު ކަމަށްވެ އެވެ.

މިފޮޓޯއާއެކު ދިޕިކާއަށް މިފިލްމުން ރޯލެއް ކުޅެން ލިބިފައިވާ ކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް އޭނާ މިކަމަށް އެއްބަސްވެފައެއް ނުވެ އެވެ. ހަމައެކަނި ބުނެފައިވާ ވާހަކައަކީ ހޮލީވުޑްގެ ފިލްމުތަކުގެ ކަންތައްތައް ކުރިއަށްދާ ގޮތް ބަލަން ބޭނުންވާ ކަމަށާއި އެގޮތުން އޭނާ ހޮލީވުޑް ފިލްމުކުޅެން ތައްޔާރުކަމަށް ބުނެފަ އެވެ.

އެެހެންނަމަވެސް "ޓްރިޕްލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް" ގެ ޑައިރެކްޓަރު ޑީޖޭ ކަރޫސޯ ކުރި ޓްވީޓެއްގައި ވަނީ މިފިލްމުގެ ޝޫޓިން މިމަހުގެ ތެރޭގައި ފަށާނެ ކަމަށާއި އަދި އޭނާ (ދިޕިކާއަށް ނިސްބަތްކޮށް) ފިލްމުގެ ޝޫޓިން ފަށާނީ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށެވެ.

މީގެކުރިން ޑިސެމްބަރު މަހުގެ ކަރުސޯ އިންޑިއާގެ މަގެއް އަރާގޮތަށް ޓްވީޓްކުރި ފޮޓޯއެއް އާންމުކުރަމުން ވަނީ "ޒެންޑާ މިމަގުން ދަތުރުކުރާނެ" މިހން ލިޔެފައި އާންމުކުރި ފޮޓޯގެ ކްޕޝަންގައި ދިޕިކާގެ ނަން ލިޔެފަ އެވެ.

ދެހާސް ހަތަރު ވަނަ އަހަރުވެސް ދިޕިކާއަށް ވަނީ ވިން ޑީސެލްގެ ފާސްޓް އެންޑް ފިއުރިއަސް 7" ކުޅުމަށް ފުރުސަތު ލިބިފަ އެވެ. ނަމަވެސް އޭރު އޭނާ ކުޅެމުން ދިޔަ "ރާމް ލީލާ" އަށް ފުރުސަތު ދޭން ޖެހުމުގެ ސަބަބުން އެފުރުސަތު ވަނީ ދޫކޮށްލާފަ އެވެ.

މިއަހަރު ދިޕިކާ ބޮލީވުޑްގެ އެއްވެސް ފިލްމެއް ކުޅެން ސޮއިކޮށްފައިނުވާއިރު، ބެލެވޭ ގޮތުގައި އޭނާ ބޮލީވުޑްގެ ފިލްމުތައް ކުޅެން އެއްބަސްނުވަނީ ހޮލީވުޑް ފިލްމަށް ފުރުސަތުދޭން ވެގެންނެވެ.