އެމްއެންޑީއެފް

ވޭތުވެދިޔަ 24 ގަޑިއިރު ކަނޑުމަތީގައި ދެ ހާދިސާ

ވޭތުވެ ދިޔަ 24 ގަޑިއިރު ކަނޑުމަތީގެ ދެ ހާދިސާއެއް ހިނގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ކަނޑުމަތީ ހިނގި އެއް ހާދިސާގައި މާލެއިން ފުރައިގެން ރ. ދުވާފަރަށް ދަތުރުކުރި ބޯޓެއް ވަނީ ދިޔަވެފަ އެވެ. "ސަމަންދަރު" ނަމަކަށް ކިޔާ މި ބޯޓު ދިޔަވެފައި ވަނީ ބ. އޭދަފުށީގެ 10 ނޯޓިކަލް މޭލް ބޭރުންނެވެ.

އެމްއެންޑީއެފް އިން ބުނީ އެ ބޯޓުގައި ތިބި މީހުން ބޭލުމަށް އޭދަފުށީގައި އޮތް ސީއެމްބިއުލާންސާއި ސޮނެވާ ރިސޯޓުން ލޯންޗެއް އެ ސަރަހައްދަށް ފޮނުވި ކަމަށެވެ. އެކަމަކު ފަހުން ބޯޓުގެ ދިޔަވުން ހައްލުވެ މިއަދު ހެނދުނު 08:45 ހާއިރު އެ ބޯޓު ދުވާފަރު ފަޅަށް ވަދެފައިވާ ކަމަށެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ ރޭ ފަތިހު 03:14 ހާއިރު އެވެ.

މީގެ އިތުރުން މާލެއިން ފުރައިގެން އިންޑިއާގެ ޓުޓްކޮރިންއަށް ދަތުރުކުރަމުން ދިޔަ ޓަގެއްގެ ކަފުގައި އޮތް ބާޖެއްގެ ވަޔަރު ކަނޑައިގެން ގޮސް އޮޔާދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން މި ބާޖުގެ ވަޔަރު ކަނޑައިގެން ގޮސްފައިވަނީ ނ. މާފަރުގެ އިރުން 117 ނޯޓިކަލް މޭލު ބޭރުގައި އޮއްވަ އެވެ.

މި ބާޖަކީ ދިގުމިނުގައި 87.84 މީޓަރު އަދި ފުޅާމިނުގައި 24.40 މީޓަރު ހުންނަ ބާޖެކެވެ. މި ބާޖުގެ ސްޓާބޯޑް ސައިޑްގައި ފެހި ލައިޓެއް އަދި ޕޯޓް ސައިޑްގައި ރަތް ލައިޓެއް ހުންނާނެ ކަމަށް މައުލޫމާތުދެ އެވެ. މި ބާޖު އޮޔާ ދަނީ އެ ސަރަހައްދުން އިރަށް ކަމަށާއި އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން އެކަމަށް ސަމާލުވުމަށްވެސް އެމްއެންޑީއެފް އިން އެދިފައިވެ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި ވަނީ ކަނޑުމަތީގެ އެތައް ހާދިސާއެއް ހިނގާފަ އެވެ. އަދި އެތައް ރަށަކަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.