އެމްއެންޑީއެފް

ޕްލާސްޓިކް ހޮޅިތަކެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

މާލެއިން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދިޔަ ދޯންޏަކުން ޕްލާސްޓިކް ހޮޅިތަކެއް ކަނޑަށް އެޅި އޮޔާ ދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.

ސިފައިންގެއިން ބުނީ ރޭ ފަތިހު 05:40 ހާއިރު ކޮޅިގަނޑެއްގައި ޖެހުނު "އުނބުށޭމު" ނަމަކަށް ކިޔާ ދޯނިން ހޮޅިތަކެއް ކަނޑަށް އެޅިފައިވާ ކަމަށެވެ.

ޕްލާސްޓިކް ހޮޅިތައް މޫދަށް އެޅިފައިވަނީ ޅ. އޮޅުވެލިފުށީގެ ދެކުނުން ގާތްގަނޑަކަށް ހަތަރު މޭލު ބޭރުން ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.

މި ހޮޅިތައް ފެންމަތީގައި ހުރެ މިސަރަހައްދުން ހުޅަނގު ދެކުނަށް އޮޔާ ގޮސްދާނެ ކަމަށް ލަފާކުރެވޭތީ މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރާއިރު ސަމާލުވުމަށް އެދިފައިވެ އެވެ. އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ސިފައިންގެއިން އެދެ އެވެ.