ލައިފްސްޓައިލް

26 އަހަރު ކޯޓަށް ގެންދިޔަަފަހުން ކުށެއް ނެތްކަން ސާބިތުވެއްޖެ

ރާމް ރަތަން އަކީ މިހާރު 70 އަހަރު ފުރިފައިވާ މީހެކެވެ.

ފާއިތުވީ 26 އަހަރުގެ ތެރޭގައި ރަތަން ވަނީ 400 އަށް ވުރެ ގިނަ ފަހަރަށް ކޯޓަށް ހާޒިރުވެފަ އެވެ. އެއީ އުއްތަރު ޕްރަދޭޝް ފުލުހުން އޭނާއާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ ޝަރީއަތަށް ހާޒިރުވާން އަންގައިގެން ހާޒިރުވެފައިވާ 400 ފަހަރެވެ.

ފުލުހުން 1996 ގައި ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ރަތަން "ކައްޓާ" (އިންޑިޔާގައި އުފައްދާފައިވާ ބަޑިއެއް) ގެންގުޅުނު ކަމަށެވެ. ނަމަވެސް ރަތަން ފުރަތަމަ ދުވަހުން ފެށިގެން ބުނަމުން ދިޔައީ އޭނާ ދުވަހަކުވެސް އެ ބުނާ ވައްތަރުގެ ބަޑިއެއް ނުގެންގުޅޭ ކަމަށެވެ. އަވަށުގައި އޮތް ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ބަޔަކު އޭނާ ފްރޭމް ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މީގެ 26 އަހަރު ކުރިން ނޮވެމްބަރު މަހެއްގެ ދެވަނަ ދުވަހު ހެނދުނު އުއްތަރު ޕްރަދޭޝް ފުލުހުން ރަތަންގެ ގެޔަށް އައިސް އޭނާ ހައްޔަރުކުރި އެވެ.

ރަތަންގެ ކުށެއް ކަމަށް ބުނީ އޭނާގެ ގޭގައި ރައްކާކޮށްގެން ކައްޓާ (ބަޑިއެއް) ގެންގުޅުމެވެ. އޭނާއަކީ ފްރޭމް ކުރެވިފައިވާ މީހެއް ކަމަށާއި އެފަދަ ބަޑިއެއް ދުވަހަކުވެސް އޭނާ ނުގެންގުޅޭ ކަމަށް ރަތަން ތަކުރާރުކޮށް ބުނަމުން ދިޔަ އެވެ. ނަމަވެސް އެ ދުވަހު އޭނާގެ ވާހަކަ އަޑުއަހާނެ މީހަކު ނުވި އެވެ.

މިދިޔަ ހުކުރު ދުވަހު މުޒައްފަރުނަގަރު ކޯޓުން މި މައްސަލައިގެ ހުކުމް ކޮށްފައިވާއިރު ރަތަންގެ ކުށެއް ނެތް ކަމަށް ވަނީ ސާބިތުވެފަ އެވެ.

އެދުވަހަކު އެ ޖެހޭ މަސައްކަތެއް ކޮށްލައިގެން އާމްދަނީ ހޯދަމުން އަންނަ ވަރަށް ފަގީރު މީހެއް ކަމަށްވާ ރަތަން ބުނީ ކޯޓުން އޭނާގެ ކުށެއް ނެތް ކަމަށް ހުކުމް ކުރި ނަމަވެސް އެކަމާ އުފާކުރެވޭކަށް ނެތެވެ. މި ފޭކް ކޭސްގެ ސަބަބުން އޭނާގެ ދިރިއުޅުން މުޅިން ބަރުބާދުވެއްޖެ ކަމަށް ރަތަން ބުންޏެވެ.

އިރުއިރުކޮޅާ ކޯޓަށް ދާން ޖެހުމުގެ ސަބަބުން އޭނާގެ އަތުގައި ހުރި ފައިސާކޮޅު ހުސްވެ ދަރިން ކިޔެވުމުން މަހްރޫމްވެ ހަޔާތުގެ ދެބައިކުޅަ އެއްބައި ކޯޓަށް ހިނގުމުގައި ބޭކާރުވެފައިވާ ކަމަށް ރަތަން ބުންޏެވެ.