އުމަރު ނަސީރު

ރުފިޔާގެ ނިޝާން ނެރުނީ ތާރީހު ނުދަންނަ ބައެއް: އުމަރު

ދިވެހި ރުފިޔާގެ ނިޝާން އަކީ ދިވެހީންގެ ތާރީހު ނުދަންނަ ބަޔަކު ނެރުނު ނިޝާނެއް ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ފާޑުވިދާޅުވުން މަރުކަޒީ ބޭންކުގެ ވެރީންނަށް އަމާޒު ކުރައްވައިފި އެވެ.

މިއީ ދިވެހި ރުފިޔާގެ ނިޝާން ތައާރަފު ކުރި ފުރަތަމަ ފަހަރެވެ. އިއްޔެ ތައާރަފު ކުރި ނިޝާނަކީ ޖަނަވަރީ 24، 2021 ގައި ދިވެހި ރުފިޔާގެ ނިޝާން ފަރުމާކުރުމަށް ހުޅުވާލި ފުރުސަތުގައި ހުށައެޅި ނިޝާންތަކުގެ ތެރެއިން އެންމެ ރަނގަޅު ކަމަށް އެމްއެމްއޭ އާއި ދިވެހި ބަހުގެ އެކަޑަމީގެ އޮފިޝަލުން އަދި މިފަދަ މަަސައްކަތް ކުރާ އަމިއްލަ ބައެއް ފަރާތްތައް ހިމެނޭ ކޮމިޓީއަކުން އެންމެ ރަނގަޅު ކަމަށް ކަނޑައެޅި ނިޝާނެވެ.

އެ ނިޝާނަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒު ވެފައެވެ. 70 ވުރެ ގިނަ ހުށައެޅުމުގެ ތެރެއިން އެމްއެމްއޭ އިން ހޮވި ނިޝާނަށް ވުރެ މާ ފުރިހަމަ ނިޝާންތައް ހުށައަޅާފައިވާ ކަމަށް ބުނެ އެފަދަ އެތައް ނިޝާނެއް ދަނީ އާންމު ކުރަމުންނެވެ. ޑިޒައިނަރުންގެ ފާޑުކިޔުންވެސް މި ނިޝާނަށް ވަނީ އަމާޒުވެފައެވެ.

އެކަމަށް އިޝާރާތް ކުރައްވާ އުމަރު ވިދާޅުވީ ދުނިޔޭގެ އެއިރުގެ ފައިސާ -- ބޮލި -- ހާހަކަށް ވުރެ ގިނަ އަހަރު ވަންދެން މުޅި ދުނިޔެއަށް ފޯރުކޮށް ދިން ކަމަށެވެ. އަދި ދުނިޔޭގެ "ސެންޓްރަލް ބޭންކް" ގެ ގޮތުގައި އެއިރު ސިފަ ކޮށްފައިވާ ގައުމަކީ ރާއްޖެ ކަމަށް ވިދާޅުވިއެވެ. އުމަރު ވިދާޅުވި ގޮތުގައި އެފަދަ ގައުމަކުން ނެރުނު ފައިސާގެ ނިޝާން އަކީ ދިވެހީންގެ ތާރީހު ނުދަންނަ ބަޔަކު ނެރުނު ނިޝާނެއް ކަމަށެވެ.

ދިވެހި ރުފިޔާގެ މި ނިޝާނުން އުފައްދާފައިވަނީ ދިވެހި ތާނަ އަކުރުގެ "ރ" ގައި އިތުރު ރޮނގު ދަމާލައިންގެންނެވެ. މި ނިޝާން ފަރުމާކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ކުރެހުންތެރިއެއް ކަމަށްވާ މ. ސްޕޮޓްލައިޓް، ހަސަން ޝުޖާއު އެވެ.

ރުފިޔާގެ ނިޝާނަކީ ލިޔުމުގައި ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުން ކުރާ ނިޝާނެކެވެ.

ރާއްޖޭގައި ކުރިން ބޭނުން ކުރަމުން ދިޔަ ފައިސާގެ ނޫޓުތަކުގެ ބަދަލުގައި އާ ނޫޓުތަކެއް ތައާރަފުކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ. އާ ނޫޓުތައް ނެރެދެއްވީ އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެވެ. ޒަމާނީ ކަރުދާހުގައި ސެކިއުރިޓީއާ ފީޗާތައް ހިމަނައިގެން ތައާރަފު ކުރި ނޫޓުތަައް ނެރެފައިވަނީ ރާއްޖޭގެ މިނިވަން ކަމަށް ބައި ގަރުނު ނެރުމުގެ މުނާސަބަތާ ވެސް ގުޅުވާލައިގެންނެވެ. މި ނޫޓު ސީރީޒްގައި ހިމެނެނީ 10، 20، 50، 100 500 އަދި އަލަށް ތައާރަފްކުރާ 1000 ރުފިޔާގެ ނޫޓެވެ.