ދުނިޔެ

އައިފަލް ޓަވަރުގައި ދަބަރުޖަހައި ތޮށިނޮޅެނީ

ފްރާންސަށް ވުރެ މަޝްހޫރު އައިފަލް ޓަވަރުގައި ދަބަރުޖަހައި ތޮށިނޮޅޭ މައްސަލަ ބޮޑުވެފައި އޮއްވައި އަގުބޮޑު ދަވާދަކުން ކުލަ އަލިކުރަން ފްރާންސް ސަރުކާރުން ނިންމައިފި އެވެ.

އައިފަލް ޓަވަރަށް ވަރަށް ބޮޑު މަރާމާތެއް ބޭނުންވެފައި ވަނިކޮށް 60 މިލިއަން ޔޫރޯ ޚަރަދަކޮށްގެން ދަވާދުލުމަކީ ބޭނުމެއް އޮތް ކަމެއް ނޫން ކަމަށް ފާޑުކިޔާ މީހުން ބުނެ އެވެ.

ޚަބަރުތައް ބުނާ ގޮތުން އައިފަލް ޓަވަރު މާބޮޑަށް މަރާމާތުކުރާނެ ވަގުތެއް ނެތެވެ. އެއީ ފްރާންސްގައި 2024 ގައި އޮންނަ އޮލިމްޕިކް ގޭމްސްއަށް ނިންމަންޖެހޭ އެއަށް ވުރެ މުހިންމެ އެތައް ކަމެއް ބޯމަތިވެފައި އޮތުމުންނެވެ.

އައިފަލް ޓަވަރަކީ ޓޫރިސްޓުން ވަރަށް ޝައުގުވެރިވާ އެންޓަނާ ދަނޑިއެކެވެ. އުސްމިނަކީ 300-330 މީޓަރެވެ. މި ޓަވަރު ބިނާކުރީ ގުސްޓާވޭ އައިފަލް އެވެ. އޭނާއަކީ މުޅި ފްރާންސަށް މަޝްހޫރު އިންޖިނޭރެކެވެ.

އައިފަލް ޓަވަރު ދެކެލައި ދަގަނޑެއްގައި އަތްޖާސާލުމަށް އަހަރަކު ހަ މިލިއަން މީހުން އެ ތަނަށް ޒިޔާރަތްކުރާ ކަމަށް ވެއެވެ.

މިދާކަށް ދުވަހު އައިފަލް ޓަވަރަށް ދިޔަ މީހަކު ޚަބަރަށް ކިޔައިދިން ގޮތުގައި ޓަވަރުގެ ބައެއް ދަގަނޑުގައި ދަބަރުޖަހައި ހުރީ ފުފިފަ އެވެ. އަދި ދަވާދުކެހި ދަބަރު ހިލިފައި ހުރުމުގެ ސަބަބުން ދަގަނޑު ކުނިވާ ވަސް ދުވާ ކަމަށް ވެސް ބުންޏެވެ.

ޓަވަރު ބަލަހައްޓާ އޮފިޝަލުން ބުނާ ގޮތުން ޓަވަރު ހުރީ ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފަ އެވެ. އެހެންނަމަވެސް އެހާ ގިނަ ދުވަހު ބަންދުކޮށްފައި ބެހެއްޓޭކަށް ވެސް ނެތެވެ. އެއީ ފްރާންސަށް ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދައިދޭ ބިނާއަކަށް ވާތީ ޓޫރިސްޓުންނަށް އެ ފުރުސަތު ދޭން ޖެހެ އެވެ.

އޮފިޝަލުން ބުނާ ގޮތުން ޓަވަރު މަރާމާތުކުރެވެން މިހާރު އޮތީ ބަންދުނުކޮށް ބަހައްޓައިގެންނެވެ. އެހެންކަމުން ޒަމާނީ ވަސީލަތްތައް ހޯދައި ނެތް ޓެކްނޮލިޖީ އުފައްދަން ޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.