މަގުމަތީގެ އެކްސިޑެންޓް

އެކްސިޑެންޓްގައި އަނިޔާވި ތިން މީހުން ވެންޓިލޭޓަރުގައި

Jul 5, 2022
1

މާލޭގެ ބޮޑުތަކުރުފާނު މަގުގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ހަތަރު މީހަކަށް މިވަގުތު ފަރުވާ ދެނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.

އެމްޓީސީސީގެ ބަހަކާއި ކާރެއް ޖެހި އެކްސިޑެންޓް ހިނގީ އިއްޔެ އިރުއޮއްސެން އުޅެނިކޮށެވެ.

މި އެކްސިޑެންޓްގައި އެންމެ ބޮޑަށް އަނިޔާވި އަންހެން މީހާ ވަނީ މަރުވެފަ އެެވެ. ގއ. މާމެންދޫ، ބިލަތްމާގޭ، މަރްޔަމް އަމާނީ ރަޝީދު، 23، އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓާ ގުޅިގެން އެ ހޮސްޕިޓަލަށް ގެންދެވުނު ހަތަރު މީހުންނަށްވެސް ފަރުވާ ދެނީ އައިސީޔޫގައި ކަމަށާއި އަދި ތިން މީހުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށެވެ.

އެކްސިޑެންޓާ ގުޅިގެން ޖުމްލަ ހަ މީހަކު ހޮސްޕިޓަލަށް ގެންދެވުނެވެ. އެއީ އައިސީޔޫގައި އޮތް ހަތަރު މީހުންނާއި މަރުވި އަމާނީގެ އިތުރުން އަދި އެހެން މީހެކެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ މޭރީބްރައިން ރެސްޓޯރަންޓް ކައިރީގައި މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރު ކޮންޓުރޯލް ނުވެ ބަހުގައި ޖެހުމުންނެވެ.

މި އެކްސިޑެންޓްގެ މަންޒަރު ފެންނަ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.