ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ތައިރޮޑްގެ ފޭކް ބޭހެއް އުޅޭތީ ސަމާލުވާން އަންގައިފި

Jul 5, 2022

ތައިރޮޑްގެ ފޭކް ބޭސްތަކެއް އިންޑިއާ އިން ފެނިފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

ފޭކް ބޭސް އުފައްދާފައިވަނީ އިންޑިއާގެ ޖެނެރިކްސް އެލްއެލްޓީ ކުންފުނިން އުފައްދާ ތައިރޮޑްގެ ބޭހެއް ކަމަށްވާ Thyronorm 100 mcg އަސްލަކަށް ބަލައިގެންނެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖެނެރިކްސް އެލްއެލްޓީ ކުންފުނިން އުފައްދާ ތައިރޮޑް ބޭހުގެ ފޭކް ބޭސް ފެނިފައިވާ ކަމަށް އިންޑިއާގެ ތެލަންގަނާ ޑްރަގްސް ކޮންޓްރޯލް އެޑްމިނިސްޓްރޭޝަނުން އަންގަފާއިވާ ކަމަށެވެ.

ފޭކު ބޭހުގެ ބެޗުގައި ހުންނަ ބޭސް ރާއްޖެ އެތެރެކުރުން ވެސް އެމްއެފްޑީއޭ އިން މިހާރު ވަނީ މަނާކޮށްފަ އެވެ.

ފޭކު ބޭހާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެމްއެފްޑީއޭ އިން ވަނީ އެދިފަ އެވެ.

އިންޑިއާ އިން ބުނާ ފޭކް ބޭހުގެ ސާމްޕަލްތައް ރާއްޖޭގައި ހުރިތޯ ބަލަމުންދާ ކަމަށްވެސް އެމްއެފްޑީއޭ އިން ވަނީ ބުނެފަ އެވެ.