ސްޓެލްކޯ

ސްޓެލްކޯގެ ނުވިކި ހުރި ފްލެޓްތައް ވިއްކަން ހުޅުވާލައިފި

ކަރަންޓް ކުންފުނި -- ސްޓެލްކޯ -- އިން އިމާރާތް ކޮށްފައިވާ ދެ ޓަވަރުގައި މިހާތަނަށް ނުވިކި ހުރި އެޕާޓްމަންޓްތައް ގަތުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ސްޓެލްކޯ ސްޓާފް ހައުސިން ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ދެ ޓަވަރުގައި މިހާތަނަށް ނުވިކި ހުރި އެޕާޓްމަންޓްތައް ގަތުމަށް ޝައުގުވެރިވާ މުވައްޒަފުންނަށް ވިއްކަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ކުންފުނީގެ ސްޓާފް ހައުސިން ޕްރޮޖެކްޓްގެ ދަށުން 360 އެޕާޓްމަންޓް ވަނީ ހަދާފައެވެ. ސްޓެލްކޯ އިން ބުނި ގޮތުގައި މި ވަގުތު ނުވިކި ހުރީ 32 އެޕާޓްމަންޓެކެވެ. އެއީ ޓޫޕްލަސް ވަންގެ 16 އެޕާޓްމަންޓަކާއި އެއް ކޮޓަރީގެ 16 އެޕާޓްމަންޓެވެ.

ސްޓެލްކޯ ހިޔާގެ ދެ ޓަވަރަށް އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓު ލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ސްޓެލްކޯ ހިޔާގެ ދެ ޓަވަރަށް އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓު ލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމީ ޖޫން ފަސްވަނަ ދުވަހުގެ ރެއެވެ.