ހަބަރު

ފަރަށް އެރި ދެ އުޅަނދެއްގެ މައްސަލަ އީޕީއޭއިން ބަލަން ފަށައިފި

މިދިޔަ މަހު މާލެ އަތޮޅުގައި ފަރަށް އެރި ޓަގު ބޯޓާއި ޅ. ކުރެންދޫގެ ބަނދަރުގެ އިރުމަތީ ފަރަށް އެރި ސަފާރީގެ މައްސަލަ، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ.

އީޕީއޭ އިން ބުނީ މިދިޔަ މަހު ފަރަށް އަރާފައިވާ ދެ އުޅަނދުގެ މައްސަލަ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އެހީތެރި ކަމާއެކު ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެގޮތުން ގޮތުން މިދިއަ ޑިސެމްބަރު މަހުގެ 27 ގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް އިންޑިޔާއިން ހިލަހިފައިގެންއައި މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑްގެ ޓަގު ބޯޓަކާއި ބާޖެއްވަނީ ކ. ފުށިދިއްގަރުފަރަށް އެރި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި ބާޖާއި ޓަގް ފަރަށް އެރިދުވަހުން ފެށިގެން ބާޖާއި ޓަގް ފުންކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން 29 ޑިސެމްބަރުގައި ކުރެންދޫގެ ބަނދަރުގެ އިރުމަތީފަރާތު ފަރަށް މިންޓް ޕްރައިވެޓް ލިމިޓެޑްގެ "އެޓޯލް އެކްސްޕްލޯރާ" ސަފާރީ ބޯޓު އެރި މައްސަލަ ބަލަމުން އަންނަ އިރު އަދި އެބޯޓު ފުން ކުރުމުގެ މަސައްކަތް ފެށިފައި ނުވާ ކަމަށެވެ.

އީޕީއޭ އިން ބުނި ގޮތުގައި އެ އެޖަންސީ އިން މަސައްކަތް ކުރަމުން އަންނަނީ ތިމާވައްޓަށް ލިބ ގެއްލުން ކުޑަވާނެގޮތަކަށް އެ އުޅަނދުތައް ފުންކޮށް ތިމާވެށީގެ ގާނޫނާއި ގަވާއިދު ތަކުގެމަތިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ކަމަށެވެ.