މުހައްމަދު ސައީދު

ހާސް ކަމެއް ނެތޭ ކިޔާފައި ފެލަނީ ރައްޔިތުން: ސައީދު

ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ޖީއެސްޓީއާ ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ޖީއެސްޓީއާ ޓީޖީއެސްޓީ ބޮޑުކުރަން މަޝްވަރާތައް ފަށާފައިވާ ކަމަށް ވާހަކަ ދެކެވޭތާ ދެތީން ދުވަސް ވެއްޖެ އެވެ. ސަރުކާރުން އެކަން މިއަދު ވަނީ ޔަގީން ކޮށްދީފައެވެ. މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތަ އަށް ބޮޑު ކުރުމަށްވެސް ވަނީ ނިންމާފައެވެ.

އަދި ރައްޔިތުންގެ މަޖިލީސް ހުޅުވެންވާއިރަށް އެ އިސްލާހުތައް ގާނޫނަށް ގެންނަން ހުށައަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އުންމީދަކީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ގާނޫނަށް އެ ބަދަލުތައް ގެނައުމެވެ.

ޖީއެސްޓީ ބޮޑުކުރަން ނިންމައިފިނަމަ މުދަލާއި ހިދުމަތްތަކުގެ އަގު އަނެއްކާވެސް އުފުލިގެން ދާނެ އެވެ.

އެކަމަށް އިޝާރާތް ކުރައްވާ ކުރީގެ މިނިސްޓަރު ސައީދު ވަނީ އިގްތިސާދީ ހާލަތު މިހާ ހިސާބަށް ދިޔައީ ބަޖެޓް މެނޭޖް ނުކުރުމުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އަދި ހަރަދުތައް ކުޑަ ކުރުމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

ސައީދު ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ދައުލަތުން ކުރި ހަރަދުތަކާއި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ބަޖެޓްގައި ޖަހާފައިވެސް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ހަރަދުތައް ކުޑަ ކުރަން ޖެހުނު ވަގުތު ހަ ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށެވެ.

"ބޭރު ދަތުރުތަކަށް ފުކެއްވެސް ދޫ ނުދިން. މިލިއަނުން މިލިއަނުން [ހަރަދުކުރި]. ހާސް ކަމެއް ނެތޭ ކިޔާފައި ތިފެލަނީ ރައްޔިތުން. ނުވަންޏާ އިސްތިއުފާ ދީ،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓަރު ގެންދަވަނީ އިގްތިސާދީ ހާލަތު ރައްޔިތުންނަށް އޮޅުވާލައްވަމުންނެވެ. އަދި ރިސޯޓް ބިމު ކުލި ކުޑަކުރަން ސަރުކާރުން ހުށައެޅުމަށް ފަހު އެކަމަށް ފާޑުކިޔުން އަމާޒުވުމުން އެ ނިންމެވުން ބަދަލުކޮށް މިއަދު ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ އަތުން އިތުރު ފައިސާ ހޯދަން ކަމަށް ވިދާޅުވިއެވެ.

ރާއްޖެ މިހާރު ހިނގަނީ އިގްތިސާދީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް ލަންކާވެސް ހިނގި މަގުން ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

"ލާހޫރޭ ގޮތައް ކަންކަން ކުރީމަ ހަނާ ވަނީ އާއްމުން،" މިނިސްޓަރު އަމީރަށް ރައްދު ދެއްވާ ސައީދު ވިދާޅުވިއެވެ.