މީކާއީލް އަހުމަދު ނަސީމް

މާލެ މީހުންނަށް ގޯތި ލިބެނީ ހިލޭ އެއް ނޫން: މީކާއީލް

މާލޭގެ ގިނަ ރައްޔިތުންނަށް ގޯތި ލިބެން އޮތީ ހިލޭ ނޫން ކަަމަށް ވިދާޅުވެ ހާލަތުގެ ގޮތުން މާލޭގެ ރައްޔިތުންނަށް ހިލޭ މިވަގުތު ގޯތި ދޫކުރުމަކީ އެންމެ އިންސާފުވެރި ގޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މައްސަލަައަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ފާޑުވިދާޅުވެއްޖެ އެވެ.

މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެވެ.

ސަރުކާރުން ވަނީ މާލޭގެ ރައްޔިތުންނަށް 3،000 ގޯތި ދޫކުރަން ނިންމާ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކުރިމަތިލުމަށް ހުޅުވާލާފަ އެވެ. މި ގޯތިތައް ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލެ އިން 1،000 ގޯތި އަދި ގުޅިފަޅުން 2،000 ގޯއްޗެވެ. އަދި ގިރާވަރު ފަޅު ހިއްކާ ނިމުމުން އެތަނުން ވެސް 2،000 ގޯތި ދޫކުރުމަށް ނިންމާފައިވެ އެވެ.

މޫސާ ސިރާޖު މަޖިލީހަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ހިޔާ ފްލެޓް ދޫކުރިއިރު "އެޗް8" ކެޓަގަރީން މާލޭ ރަށްވެހިންނަށް އަދި "އެޗް9" ކެޓަގަރީން މާލޭ ދަފްތަރުގައި ތިބި މީހުންނަށް ފްލެޓް ދިނީ ފައިސާ ދައްކާ ގޮތަށް ކަމަށެވެ. އަދި މާލެ މީހުންނަށް ހާއްސަކޮށްގެން އެޗްޑީސީން ހުޅުމާލެ އިން 60 ބިން ވިއްކީ 7،000 ރުފިޔާ އިން މަތީގެ އަގެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އެކަމަކު އެ ބިން ތަކަށްވެސް މާލޭ މީހުންގެ ޑިމާންޑް އޮތް ކަމަށް ފާހަގަަކުރައްވާފައިވެ އެވެ.

ދައުލަތުގެ ދަރަނި 100 ބިލިއަން ރުފިޔާ އިން މައްޗަށް ގޮސް ދަރަނި ނުދެއްކި ދާނެ ކަމަށް ބެލެވޭއިރު މާލޭ ރައްޔިތުންނަށް ދޫކުރާ ގޯތިތައް ވިއްކައިފިނަމަ ހަމައެކަނި އެ ގޯތި ތަކުން ވެސް ދައުލަތަށް 48 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އަދި އެ ގޯތިތައް ވިއްކައިގެން ދައުލަތަށް ލިބޭ އާމްދަނީގެ އަދަދަކީ ކޮބައިތޯ ބެލުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.

ސަރުކާރުން މާލޭ މީހުންނަށް ދޫކުރާ ބިމުގެ އާންމު ބޮޑުމިނަކީ 1،225 އަކަފޫޓުގެ ގޯއްޗެވެ. އެކަމަކު ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވޭނެ ގޮތެއްވެސް ހަމަޖެހިފައިވެ އެވެ. ނަމަވެސް އެންމެ ބޮޑުކޮށް ދޫކުރަނީ 4،000 އަކަފޫޓެވެ.

މޫސާ ސިރާޖުގެ ސިޓީގައި އިތުރަށް ބުނެފައިވަނީ މާލެ ސަރަހައްދުން މީގެކުރިން ގޯއްޗާއި ފްލެޓް ދޫކޮށްފައި ހުރި ގޮތުން މާލޭގެ ރައްޔިތުންނަށް މިސަރުކާރުން ދޫކުރަން ނިންމާފައިވާ ގޯތިތައް އިންސާފުވެރިކަމާއެކު ބެހޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އެކަމަށް ރައްދު ދެއްވާ މީކާއީލް ވިދާޅުވި ގޮތުގައި މާލޭގެ ގިނަ ރައްޔިތުންނަށް ގޯތި ލިބެން އޮތީ ހިލޭއެއް ނޫނެވެ. އެ މީހުންނަށް ގޯތި ލިބެން އޮތީ ވާރުތާ ވާން އޮތް ތަނެއް އޮތަސް ދައުލަތަށް ދޫކޮށްލާ ގޮތަށެވެ. މީކާއީލް ވަނީ ގޯތި ލިބެނީ ހަމައެކަނި މާލޭ މީހުންނަށް ކަމަށް ދޭހަވާ ގޮތަަކަށް ވާހަކަ ދައްކާތީވެސް ރައްދު ދެއްވާފައެވެ.

"މާލޭގައި މެދު ނުކެނޑި ދިރިއުޅޭތާ 15 އަހަރު ވެފައިވާ ފަރާތްތަށްވެސް ފްލެޓަށް ޝަރުތު ހަމަވާކަން ހަނދުމަކޮށް އަރުވަން،" ސިރާޖަށް ރައްދު ދީ މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގައި ވެށިފަހި މާލޭގެ ދަށުން ދޫކުރި 250 އެއްހާ ގޯތި ފިޔަވައި މިދިޔަ 40 އަހަރުވެސް މާލޭގެ އާދައިގެ ރައްޔިތަކަށް މާލެ ސަރަހައްދުން ގޯއްޗެއް ލިބިފައެއް ނެތެވެ. އަދި މުނިމާމަ ނުވަތަ މުނިކާފަގެ ގޯތި ފޮތިފޮތި ކުރަމުން ގޮސް 8 ފޫޓް 10 ފޫޓްގެ ކޮޓަރީގައި ކުރުއަތްމައްޗަށް ބޯލައިގެން ތިން ހަތަރު މީހުންނާއެކު ނިދާ މާލޭގެ ރައްޔިތުން މަދު ނޫން ކަމަށެވެ. އުސް އިމާރާތްތައް ނިސްބަތް ވަނީ މާލޭގެ މަދު މުއްސަދި އާއިލާތަކަށް ކަމަށާ އެއީ މާލޭގެ އަގުލަބިއްޔަތު ރައްޔިތުންގެ ހާލަތެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މާލޭގެ ރައްޔިތުން މި މަޝްރޫއަށް އިންތިޒާރު ކުރަމުން އަންނަތާ އެތައް އެތައް އަހަރެއް. އެ ރައްޔިތުންގެ ބޯހިޔާވަހި ކަމަށް ހުރަސް އެޅޭނޭ އެއްވެސް ކަމެއް ނުކުރުމަށް ވަރަށް އިހްތިރާމާއި އެކު ދަންނަވަން،"